ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުން ކަރަންޓީނުކުރާ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކުރި ކަމުގައި ވިޔަސް، ރަނގަޅު ޕީީސީއާރް ޓެސްޓަކުން ނަތީޖާ ހޯދާ ނަމަ، އެ މީހެއްގެ ފަރާތުން ބަލި ދެނެނުގަނެވި އެހެން މީހުންނަށް ބަލި ފެތުރުމަށް އޮތީ އެއް ޕަސެންޓަށް ވުރެ ކުޑަ ޗާންސެއް ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

އެމެރިކާގައި ކަރަންޓީނުކުރުމުގެ އުސޫލަށް ބަދަލު ގެނެސް ސީޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ކަރަންޓީނުކުރާ މީހުންގެ ތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ހަތް ދުވަސް ފަހުން ޓެސްޓުކޮށް ކޮވިޑަށް ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވިދާނެ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ޓެސްޓްކުރުމާ ނުލައި 10 ދުވަސް ފަހުން ދޫކޮށްލެވޭނެ އެވެ.

ރާއްޖޭން ވެސް މާދަމާ އިން ފެށިގެން އަމަލުކުރާނީ، ބަލި ފެތުރިފައިވާ ރަށަކުން ބަލި ނެތް ރަށަކަށް ދާ ނަމަ 10 ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭ ގޮތަށެވެ. އެކަމަކު ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެ ނަމަ 14 ދުވަހު ކަރަންޓީގައި ހުންނަން ޖެހޭނެ އެވެ. އަދި ދެ ހަލާތުގައި ވެސް ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓުކޮށް، ކޮވިޑަށް ނެގެޓިވް ވެއްޖެ ނަމަ އެވެ.

ސީޑީސީން ވަނީ ކަރަންޓީނު އުސޫލަށް ގެނައި ބަދަލާ އެކު، ކަރަންޓީނުން ދޫކޮށްލާ މީހުންގެ ތެރެއިން ބަލި ދެނެނުގަނެވި އެ މީހުންގެ ފަރާތުން ބަލި ފެތުރުމަށް އޮތް ފުރުސަތު ދެނެގަތުމަށް މޮޑެލިންތަކެއް ހަދައިފަ އެވެ. ސީޑީސީގެ ހޯދުންތަކުން ދެއްކީ؛

- 10 ދުވަހުގެ ކަރަންޓީނަށް ފަހު ، ޓެސްޓް ނުކޮށް ދޫކޮށްލާ ނަމަ ބަލި ފެތުރެން އޮތީ 1.4 ޕަސެންޓް ޗާންސް (ރޭންޖް: 0.1 - 10.6 ޕަސެންޓް)

- 10 ދުވަހުގެ ކަރަންޓީނަށް ފަހު ޕީސީއާރް ޓެސްޓެއް ހަދާފައި ދޫކޮށްލާ ނަމަ ބަލި ފެތުރެން އޮތީ 0.3 ޕަސެންޓް ޗާންސް (ރޭންޖް: 0.0 - 2.4 ޕަސެންޓް)

ނަމަވެސް ކަރަންޓީނުގެ 10 ދުވަހަށް ފަހު 70 ޕަސެންޓް ސެންސިޓިވިޓީގެ އެންޓިޖެން ޓެސްޓެއް ކޮށްފައި ދޫކޮށްލާ ނަމަ، ބަލި ފެތުރުމަށް އޮންނަނީ 0.1 - 9.5 ޗާންސެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކަރަންޓީނުކޮށް، ދޫކޮށްލާ މީހުންގެ ފަރާތުން ބަލި ފެތުރުމަށް އޮތް ފުރުސަތު އެކި ހާލަތުގައި ބަދަލުވާ ގޮތް ދައްކައިދޭ ޓޭބަލެއް - ސީޑީސީ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކަރަންޓީނުކޮށް، ދޫކޮށްލާ މީހުންގެ ފަރާތުން ބަލި ފެތުރުމަށް އޮތް ފުރުސަތު އެކި ހާލަތުގައި ބަދަލުވާ ގޮތް ދައްކައިދޭ ޓޭބަލެއް - ސީޑީސީ

ސީޑީސީ ބައިވެރިވެ ނުވެ އެހެން ބައެއް އިދާރާތަކުން ހެދި މޮޑެލިންތަކުން ވެސް ދެއްކީ ހަމަ ގާތްގަނޑަކަށް މި ނަތީޖާކަން ފާހަގަކޮށް އޭގެ ތަފްސީލް ވެސް ސީޑީސީން ވަނީ ހާމަކޮށްފަ އެވެ. މަތީގައި އެ ވަނީ އެ މައުލޫމާތު ހިމެނޭ ޓޭބަލެކެވެ.

އޭގައިވާ ގޮތުން ހަތް ދުވަހުގެ ކަރަންޓީނަކަށް ފަހު ޓެސްޓް ނުކޮށް ދޫކޮށްލާ ނަމަ ބަލި ފެތުރެން އެވްރެޖްކޮށް 10.7 ޕަސެންޓް ޗާންސް އޮވެ އެވެ. ޕީސީއާރް ޓެސްޓެއް ހަދާފައި ދޫކޮށްލާ ނަމަ އޮންނަނީ ހަތަރު ޕަސެންޓް ޗާންސެވެ. އަދި އެންޓި-ޖެން ޓެސްޓް ހަދާ ނަމަ އޮންނަނީ 5.5 ޕަސެންޓް ޗާންސެވެ.

ކަރަންޓީނު 10 ދުވަހަށް ފަހު ދޫކުރާއިރު ޓެސްޓް ނުކޮށް ދޫކޮށްލިޔަސް އޮންނަނީ 1.4 ޕަސެންޓް ޗާންސެވެ. ޕީސީއާރް ޓެސްޓެއް ހަދާ ނަމަ 0.5 ޕަސެންޓް އަދި އެންޓިޖެން ޓެސްޓެއް ހަދާ ނަމަ 1.1 ޕަސެންޓެވެ.

މީގެ އިތުރުން 14 ދުވަހުގެ ކަރަންޓީނަށް ފަހު ޓެސްޓް ނުކޮށް ދޫކޮށްލިޔަސް ބަލި ފެތުރެން އޮންނަނީ 0.1 ޕަސެންޓް ޗާންސެވެ. ޕީސީއާރް ޓެސްޓެއް ހަދާ ނަމަ ބަލި ފެތުރުމުގެ ޗާން ސުމަކާ ހަމަ އަށް ދަށްވެ އެވެ. އެންޓިޖެން ޓެސްޓް ހަދާ ނަމަ 0.1 ޕަސެންޓް ޗާންސް އޮވެ އެވެ.

ކަރަންޓީނު މުއްދަތު ކުރުކުރި ކަމުގައި ވިޔަސް ކަރަންޓީނުން ދޫކޮށްލާ މީހުން ވެސް، ކޮވިޑް ކޮންޓްރޯލްކުރުމުގެ އުސޫލުތަކަށް އަމަލުކުރުމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.