ލައިފްސްޓައިލް

ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު، ބޭނުމީ ކުރިއަށްދާނެ މަގެއް: ވާވޭގެ ސީއީއޯ

10 ފެބުރުއަރީ 2021 - 07:29

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބްލެކްލިސްޓްކުރި ޗައިނާގެ ވާވޭ ބޭނުންވަނީ އެމެރިކާގެ އާ ސަރުކާރާ އެކު ވާހަކަ ދައްކައިގެން ހައްލުތައް ހޯދައިގެން ވިޔަފާރީގައި ކުރިއަށްދާން ކަމަށް އެ ކުންފުނީގެ ސީއީއޯ ރެން ޒެންފީ ވިދާޅުވެއްޖެ އެވެ.

މީޑިއާއާ ވަރަށް ދުރުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ ވިދާޅުވީ އެމެރިކާގެ އާ ސަރުކާރާ މެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށާއި ރައީސް ޖޯ ބައިޑެންގެ ފޯނު ކޯލަކަށް ވެސް އިންތިޒާކުރެވޭ ކަމަށެވެ.

"ވާވޭ އިން އަބަދު ވެސް އޮންނާނީ ވާހަކަ ދައްކަން ތައްޔާރަށް. ވާހަކަ ދައްކައި މަޝްވަރާކުރެވޭ ނަމަ ކުރިއަށްދާ މަގުފަހިވެ ކާމިޔާބީތަކަށް ވެސް މަގު ހުޅުވޭނެ،" ރެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އަށް ވެސް އޮތް ރަނގަޅަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވާވޭއާ ގުޅިގެން ކުރިއަށް ދިއުމެވެ. އަދި މީގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކަށް ފައިދާކުރާނެ ކަމަށެވެ.

"އެމެރިކާ ވެސް ބޭނުން ވަނީ އިގުތިސާދު ތަރައްގީކޮށް ކުރިއަރުވަން. އަހަރެމެން ޗައިނާ ވެސް ބޭނުން ވަނީ ހަމަ އެ މަގުގައި ކުރިއަށް ގެންދާ. އެހެންވެ ދެ ގައުމުގެ މެދުގައި އަބަދު ވެސް މިއުޗްއަލް ގުޅުމެއް، އެއްބަސްވުމެއް އޮތުން ވަރަށް މުހިއްމު،" ރެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އޮން ވާވޭ އަށް ކުރިމަތިކޮށްފައިވާ ފިއްތުންތަކަށް ލުއި ދީފި ނަމަ އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާވާން މަގުފަހިވާނެ ކަމަށެވެ.

"އޭގެ މާނަ އަކީ އެމެރިކާގެ ސަޕްލައި ވެސް އިތިރުވެގެން ދާނޭ،" ރެން ވިދާޅުވި އެވެ. "އަހަރަމެން ވަރަށް އުންމީދުކުރަން ބައިޑެންގެ ސަރުކާރުން އިގުތިސާދީ ޕޮލިސީތައް އެކުލަވާލާ އިރު މފަދަ ކަންކަމަށް ރިއާޔަތްކޮށްފައި ގޮތްތައް ނިންމާނެ ކަމަށް. އޭރުން ހަމަ ދެ ގައުމަށް ފައިދާވާނީ."

އޭނާ ވިދާޅުވީ ވާވޭ އޮންނާނީ އަބަދު ވެސް އެމެރިކާގައި ވިޔަފާރި ކުރެވެން އޮތް ނަމަ އެކަން ކުރަން ތައްޔާރަށް ކަމަށެވެ. އެގޮތުން އެމެރިކާގެ އުފެއްދުންތަކަށް ވެސް ހަމަ ޗައިނާގައި ބޮޑު މާކެޓެއް އޮންނާނެ ކަމަށާއި އެއް ގައުމުގެ އުފެއްދުންތަކަށް އަނެއް ގައުމު ބަރޯސާވުމަކީ މައްސަލަކަށްވާން ނުޖެހޭ ކަމަށެވެ.

ވާވޭގެ ސަބްސިޑަރީ ކުންފުނި "އޮނާ" މިދިޔަ އަހަރު ވިއްކައިލި މައްސަލައާ ބެހޭ ގޮތުން ރެން ވިދާޅުވީ އެ ކުންފުނި ވިއްކައިލީ ވާވޭ އަށް ދިމާވެފައި އޮތް ގޮތުން ކުންފުނި ހުއްޓާލަން ޖެހިދާނެތީ ނޫން ކަމަށެވެ. އަދި ވާވޭ އަބަދު ވެސް ބްރޭންޑެއްގެ ގޮތުގައި އޮންނާނެ ކަމަށާއި ސްމާޓްފޯނު އުފެއްދުމުގައި ވާވޭ އަކީ އަބަދު ވެސް ކުރީގައި އުޅޭނެ ބައެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި "އޮނާ" ވިއްކައިލީ ޗައިނާގެ ނިއު އިންފޮމޭޝަން ޓެކްނޮލޮޖީއަށެވެ.

ރެން ވަނީ އެމެރިކާޖެ އެޕަލްއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެ އެ ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 މި ވަގުތު މާކެޓްގައި ހުރި އެންމެ މޮޅު ސްމާޓްފޯނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 5ޖީ ނެޓްވޯކް އެންމެ ރަނގަޅަަށް މަސައްކަތްކުރާ އައިފޯން 12 އެއްޗަކަށް ވަނީ ވެސް ވާވޭގެ 5ޖީ ނެޓްވޯކާ ހެދި ކަމަށެވެ.

"އެހެންވީމަ އަހަރެމެންގެ 5ޖީ ނެޓްވޯކް ރަނގަޅުކަން އެޕަލް އިން ވެސް އެބަ ސާބިތުކޮށްދޭ،" ރެން ވިދާޅުވި އެވެ.

ވާވޭ އަކީ ރެން އިސްކޮށް ހުންނަވައިގެން މީގެ 33 އަހަރު ކުރިން 1987 ގައި ވުޖޫދަށް ގެނައި ކުންފުންޏެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454