ކްލޯއީ އަކީ ގޯލްޑެން ގްލޯބްގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދި ދެވަނަ އަންހެނާ
ކްލޯއީ ޒާއޯ.
02 މާޗް 2021 - 07:50
އާދީއްތަ ދުވަހު ބޭއްވި މި އަހަރުގެ 78 ވަނަ ގޯލްޑެން ގްލޯބްސްއާ އެކު ޗައިނާގެ ޑައިރެކްޓަރު ކްލޯއީ ޒާއޯ، އެ އެވޯޑްގެ ތާރީހުން ހާއްސަ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މި އަހަރުގެ އެވޯޑަށް ވާދަކުރި އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ނޯމެޑްލޭންޑް" ގެ ޑައިރެކްޓަރު ވެފައި ވަނީ ގޯލްޑެން ގްލޯބްގެ ތާރީހުގައި މިހާތަނަށް އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދި އޭޝިއާ ނަސްލުގެ ފުރަތަމަ އަންހެނާއަށެވެ. އަދި އޭނާ އަކީ ގޯލްޑެން ގްބޯލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ހޯދި ދެވަނަ އަންހެނާ އެވެ.
އެންމެ ފުރަތަމަ އެ މަގާމު ހޯދި އަންހެނަކީ ބާބަރާ ސްޓްރީސޭންޑްވެ. އެއީ 1983 ގެ ފިލްމު "ޔެންޓްލް" އިންނެވެ. ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި ފިލްމު އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ގޯލްޑެން ގްލޯބް ބާއްވަން ފެށި ފަހުން މިހާތަނަށް އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ނޮމިނޭޓްވީ އެންމެ އަށް ފަންނާނެކެވެ.
Chloé Zhao takes home the award for Best Director, Motion Picture for Nomadland. 🏆 #GoldenGlobes pic.twitter.com/0zdYKTyeeb
— NBC Entertainment (@nbc) March 1, 2021
މި އަހަރު ވާޗުއަލްކޮށް ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސްގައި ކްލޯއީ އަށް ލިބުނު ޝަރަފާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ އެ ކާމިޔާބީއާ ގުޅިގެން އޭނާ އަށް މަރުހަބާ ކިޔައި ހިތްވަރުދެމުންނެވެ. ކްލޯއީ އަށް މަރުހަބާ ކީ މީހުންގެ ތެރޭގައި ބާބަރާ ވެސް ހިމެނެ އެވެ.
It’s about time! Congratulations Chloé! Well deserved!
— Barbra Streisand (@BarbraStreisand) March 1, 2021
ގިނަ ބަޔަކު ބުނެފައި ވަނީ ކްލޯއީ އަކީ ޒުވާނުން އަންހެނުންނަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށާއި އަންހެނުންނަކީ އަދި އޭޝިއާގެ އަންހެނުންކީ ވެސް ކިހާ ކުޅަދާނަ ބައެއްކަން އޭނާ ސާބިތުކޮށް ދީފި ކަމަށެވެ.
ކްލޯއީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނު އިރު އެ މަގާމަށް އެހެން ދެ އަންހެން ޑައިރެކްޓަރަކު ވެސް ވާދަކުރި އެވެ. އެއީ "ޕްރޮމިސިން ޔަަންގް ވުމަން" އިން އެމެރަލްޑް ފެނެލް އާއި "ވަން ނައިޓް އިން މަޔާމީ" އިން ރެޖީނާ ކިންގް އެވެ.
Chloé Zhao takes home the award for Best Motion Picture Director for Nomadland. #GoldenGlobespic.twitter.com/YvPeTUvn1b
— Golden Globe Awards (@goldenglobes) March 1, 2021
މި ފަންނާނުންނާ އެކު ދެން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް މި އަހަރު ވާދަކުރީ "މޭންކް" އިން ޑޭވިޑް ފިންޝާ އާއި "ދަ ޓްރައިލް އޮފް ޝިކާގޯ 7" އިން އާރޮން ސޯކިން އެވެ.
ވަރުގަދަ ފަންނާނުންތަކަކާ ވާދަކޮށް ރެކޯޑާ އެކު މި އަހަރުގެ ގޯލްޑެން ގްލޯބްސް ނިންމައިލުމާ ގުޅިގެން ކްލޯއީ، 38، ބުނީ އޭނާ އަށް ލިބުނު ކާމިޔާބީ އަކީ ހުރިހާ އަންހެނުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
Congratulations to the Nomadland team for winning the Golden Globe Awards for BEST PICTURE and BEST DIRECTOR, Chloé Zhao. #NMDLND #GoldenGlobes pic.twitter.com/UWgzTio7lc
— Nomadland (@nomadlandfilm) March 1, 2021
"މިކަމް ހަގީގަތަކަށްވިމުގައި ހިއްސާވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ކްލޯއީ ބުންޏެވެ.
"ނޯމެޑްލޭންޑް" އިން މޮޅު ޑައިރެކްޓަރުގެ މަގާމު ކްލޯއީ އަށް ލިބުނު އިރު، އޭނާ އަމިއްލަ ސްކްރީންޕްލެއަކަށް ހެދި އެ ފިލްމަކީ މި އަހަރުގެ އެންމެ މޮޅި ފިލްމު ވެސް މެ އެވެ.
ދެހާސް ފަނަރައިގެ "ސޯންގްސް މައި ބްރަދާޒް ޓޯޓް މީ" އިން ޑައިރެކްޝަނަށް ނުކުތް ކްލޯއީ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި 2017 ގެ "ދަ ރައިޑާ" ހިމެނެ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމު "އިޓާނަލްސް" އެވެ. މި އަހަރުގެ ނޮވެމްބަރު 5 ހައި ރިލީޒްކުރާ ފިލްމުގެ ކާސްޓްގައި އެންޖެނީލާ ޖޯލީ، ރިޗަޑް މެޑެން، ސަލްމާ ހެޔެކް، ކުމައިލް ނަންޖިއާނީ، ކިޓް ހެރިންޓަން ފަދަ ތަރިން ހިމެނެ އެވެ.
ފަހަކަށް އައިސް އޭޝިއާގެ ފިލްމުތަކާއި ފަންނާނުން އަންނަނީ ހޮލީވުޑްގައި އެ މީހުންގެ ވަރުގަދަކަން ދައްކަމުންނެެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސް އަކީ ދެކުނު ކޮރެއާގެ "ޕެރަސައިޓް" ހޮލީވުޑް ސިއްސުވައިލިި ފިލްމެކެވެ. އެވޯޑްސްގެ ނުވަ ކެޓަގަރީއަކަށް ވާދަކޮށް ހަތަރު އެވޯޑް ކާމިޔާބުކުރި އިރު އޭގެ ތެރޭގައި އެންމެ މޮޅު ފިލްމާއި ޑައިރެކްޓަރާއި އެންމެ މޮޅު ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމުގެ އޮސްކާ ހިމެނެ އެވެ.
މީގެ އިތުރުން ޖޮނަތަން މުރޭ ޗޫ ޑައިރެކްޓްކޮށް އޭޝިއާގެ ކާސްޓަކާ އެކު 2018 ގައި ގެނެސްދިން "ކްރޭޒީ ރިޗް އޭޝިއަންސް" އަކީ އެ ފިލްމެއްގެ ޖާދޫގައި މުޅި ހުޅަނގު ޖެއްސުވި ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy