ކަރޯކޭ ޖެއްސުމުގެ ހިދުމަތް ދޭ ތަންތަނުގެ ލަވަތައް މިންގަނޑަށް ފައްތަން އެ ގައުމުގެ ކަލްޗަ އޮފް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
މި އުސޫލު އަންނަ އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން ތަންފީޒުކުރަން ފަށާ އިރު، "މިންގަނޑަށް ނުފެތޭ" ލަވަތަކަށް ކަރޯކޭ ޖައްސަން ފުރުސަތުދޭ ނަމަ، އެފަދަ ތަންތަނާ ދޭތެރޭ ފިޔަވަޅު ވެސް އަޅާނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ނިންމީ ހުއްދަ ނޫން ކޮންޓެންޓްތައް ބޭނުން ކުރުން ނިމުމަކަށް ގެނައުމާ އެކު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ހައިބަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކަ އެވެ.
ކަރޯކޭ ލަވަތަކުގައި މައިގަނޑު ހަތަރު ދާއިރާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ ނަފުރަތާއި ރުޅިވެރިކަން އުފެދޭ އަދި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ލަވަތަކާއި ގައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް ބޫރު އަރައިފާނެ އަދި ގައުމީ މަސްލަހަތަށް ފުށުއަރާ ކަހަލަ ލަވަތަކާއި ދީނަށް ފުރައްސާރަކުރެވޭ ކަހަލަ ލަވަތަކުގެ އިތުރުން ބޭއަދަބީ ބަހުރުވަ ހިމެނޭ ލަވަތަކާއި ޖުވާ ކުޅުމާއި އަނިވާރި އަމަލުތަކާއި އެކި ބާވަތުގެ ކުށްތަކަށް ހިތްވަރުދޭ ޒާތުގެ ލަވަތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޗައިނާގައި ހުރި ކަރޯކޭ ޖެއްސުމުގެ ހިދުމަތް ދޭ 50،000 އެއްހާ ތަން އޮކްޓޯބަރު 1 އިން ފެށިގެން އިންސްޕެކްޓް ވެސް ކުރަން ފަށާނެ އެވެ. އެހެންވެ މިނިސްޓްރީން އެދިފައި ވަނީ ކަރޯކޭގެ ހިދުމަތް ދޭ ތަންތަނުން ދޭ ލަވަތައް ރިވިއުކޮށް، މިންގަނޑަށް ފެތޭ އެއްޗެހި އެ މީހުންގެ ލައިބްރަރީތަކުގައި ހިމެނުނަށެވެ.
މީގެ ކުރިން ވެސް ޗައިނާގެ ކަރޯކޭ ލަވަތަކަށް ފިޔަވަޅު އަޅާފައިވެ އެވެ. އެފަހަރު 120 ލަވައެއް ބްލެކްލިސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ބެއިޖިން ހޫލިގަންސް" އާއި "ސުއިސައިޑް ޑައިރީ" އާއި "ޑޯންޓް ވޯންޓް ގޯ ޓު ސްކޫލް" އަދި "ފާޓް" ފަދަ އިބާރާތްތައް ހިމެނޭ ލަވަތައް ހިމެނެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފަދަ ބަސްތަކާއި ބަހުރުވަ ހިމެނޭ ލަވަތަކަކީ އާންމު މިންގަނޑަށް ނުފެތޭ އަދި އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވެދާނެ ކަހަލަ ލަވަތަކެވެ.
ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ޗައިނާ އަކީ ސެންސަޝިޕްގެ ހަރުކަށި އުސޫލުތަކެއް އޮންނަ ގައުމެކެވެ.