ފުލުހުންގެ ވެހިކަލެއް: ޗައިނާ މީހުންނަށް އަމާޒުކޮށް ރާއްޖޭގައި ބޮޑު ސްކޭމެއް ހިންގަމުން އަންނާތީ ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: މިހާރު
19 އޯގަސްޓް 2025 - 14:44
ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށް ބޮޑު ސްކޭމެއް ހިންގަމުންދާ ކަމަށާއި މިހާރު ވެސް 2.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ބޮޑު ސްކޭމްގައި، މަކަރާއި ހީލަތުގެ އެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން ކަމަށާއި އެ މީހުންގެ ސްކޭމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އެ ސްކޭމް ހިންގާ ގޮތުގެ ތަފުސީލް ކިޔައިދީފަ އެވެ.
● އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކަށް. ހާއްސަ ގޮތެއްގައި ޓެދަ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް. މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާ ފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ. އެ މަރުހަލާގައި މަކަރުވެރިޔާ، ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް.
● މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލު ކުރުމަށް. ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައި ހުރި ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން.
● ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރޭ. ފައިސާ ގުނައި ޗެކްކުރުމަށް ފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރޭ.
● ނަމަވެސް، ޓްރާންސްފާ ކުރުމަށް ފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރޭ. ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް. އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދޭ. ވިއްކާ ފަރާތުން ގެއްލެނީ އެ މީހުންގެ ކްރިޕްޓޯކަރަންސީ. ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާ މެދުގައި.
● ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެ ފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާ.
ފުލުހުން ބުނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މީހަކާ އެކު މާލީ މުއާމަލާތެއް ހިންގާ ނަމަ އެ މީހަކީ ކާކުކަން އަބަދު ވެސް ކަށަވަރު ކުރުމަށާއި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ ނުވަތަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.
"ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވާށެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ މި ކަހަލަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފި ނަމަ އަދި މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެ ނަމަ ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅައި ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ. ނުވަތަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ހާޒިރު ވެސް މައްސަލަ ރިޕޯޓްކުރަން ވެސް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުކަށި އަދަބުދީ
20 August 2025
މިގައުމުގެ އަގުވެއްޓުން ނޫން ކަމެއް ތިޔަކަމުން ނުވާނެ. ފަތުރުވެރިކަމަށްވެސް ހުރި ހުތުރެއް!
ލުގުމާން
20 August 2025
ތިޔަ ބުނިހެނެ ތިޔަކަމެ ނުހިނގާނެ. ބޯގަޅި މީހަކު ދިވެހި ރުފިޔާ ފޮނުވަދޭނެކަމަށް ބުނުމުން ޑޮލަރުވެސް ފޮނުވަފާނެދޯ އެޑުވާންސްކޮށް. ހަމަ ކުރިޕްޓޯ ވިޔަސް ވާނީ އެހެން. ކުރަން ވާގޮތަށް ނުކުރާނަމަ އަބަދުވެސް ލަންޑު ލިބޭނެ. ފައިސާގެ މުއާމަލާތް ތަކުގަ ޑީލް ނިމެންދެން އިތުބާރަކީ އޮއްނައެއްޗެއްނޫން. ޑީލް ހަދަން ޖެހޭނީ އެކަން ކުރަން އޮށްނަގޮތަށް. އޭނާގެ އީ ވޮލަޓަށް ޔޫއެސްޑީޓީ ކުރެޑިޓް ނުވަނީސް ކީއްވެ ނަގުދު ފައިސާ ދެނީ؟
ފޫހި
20 August 2025
ސްކޭމް ނުޖައްސާ ތަނެއް ބުނެދީބަލަ. އިސްލާމިކް ބޭންކުން ވެސް ކުރަނީ އެފާޑްކަމެއް. ފިހާރައަކަށް ގޮސް އިސްލާމިކް ބޭންކް ވިސާ ކާޑުން ޕޭކްރާއިރު ހާދަ ވަރަކަށް އެމައްސަލަ ދިމާވެޔޭ. ކާޑް މެޝިނުގައި ޖެއްސުމުން މެޝިނުން ދައްކަނީ ނުކެނޑޭކަމަށް. ދެން ފިހާރައިން ބުނާނެ ނުކެޑެޔޭ. އެކަމަކު ކެނޑުނުކަމަށް ބޭންކުން މެސެޖްލިބޭ އަދި އެކައުންޓުން ވެސް އިންނަނީ ކަނޑާފަ. ބެންކަށް ގުޅީމަ ބުނަނީ އެހެން ދިމާވެޔޯ އެކަމަކު އެފައިސާ ހޯދުމަށް އޮންނަ މަރުހަލާ ވަރަށް ދިގު.
ވެނލާ
20 August 2025
ފުލުހުންނަށް ގުޅިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެ މި ރާއްޖެއަކު. ރާއްޖޭގެ ރަޖިސްޓާޑް ކުންފުނިތަކުން ފުލެޓް އަޅަންށާއި ހައްޖު އުމްރާ އަޅުކަމަށާއި ވެހިކަލްތަށް ގެނެސްދޭނަމޭ ބުނެ މިލިއަނުން މީހުންގެ އަތުން ފޭރިގަނެފައި ހުރި ކޭސްތަށް ބައިވަރު. ރައްޔިތުމީހާއަށް އެއްވެސް އިންސާފެއް ލިބުނުތަ؟ މީހުން ރުޅިއަރުވަން ފާޑުފާދުވާހަކަ ނުދައްކާ މުޅި އުމުރު މަސައްކަތުކޮށްގެން އެއްކުރި ލާރި ހޯދައދީ! ދިވެހީންނަށް ހޯދައިނުދިން އިންސާފެއް ބޭރުބަޔަކަށް ހޯދައިނުދޭނެ!
ރައުސްމާލު
20 August 2025
ދައުލަތްވެސް އޮތީ ސްކޭމުގަޖެހިފަ ރައްޔިތުން މިތިބީ ސިޔަސީ މީހުންގެ ސްކޭމުގަޖެހިފަ،
ޙަސޭ
20 August 2025
ފުލުހުންނަށް ވެސް އަހަރުމެނަށްވެސް އެގެނީ ތިކަނއކަން ކުރާކަން. އެޅުނިފިޔަވަޅެއްގެ ވާހަކަ ނުބުނޭ. ހައްޔަރުކުރެވުނު ބަޔަކުނޭގޭ. ގެއްލޭ އަދަދުއެގެނީ. ޢެވެސް އަހަރުމެން ރިޕޯޓުކިރީމަ.
ސަމުސާ
20 August 2025
އެއްވެސް ޕްރޮފެޝަނަލް ތަނެއް ނޫން. ކުރީ ދުވަހު މަގުމަތިން ހޮވައިގެން ޕޮލިހަށް ފޯނެއް ހިފައިގެން ދިއުމުން އައިޑީކާޑް ނަމްބަރ އަދި ނަންއެހުމަށްފަހު ފޮނުވާލީ. އެއްވެސް ލިއުމެއް ނުދީ.
މަސްކަނޑާމީހާ
19 August 2025
މަގޭ ސްކޭމްއެއް ރިޕޯޓުކުރަން ހުޅުމާލެ ޕޮލިސް ސްޓޭޝަންށް ސިޓީ ހިފައިގެން ދިޔައީމަ ބަލައިނުގަނޭ...މޮޅު ވާހަކަ ނުދައްކާ. އެދުނީ އެންޓި ސްކޭމް ސެންޓަެަށް ހުށަހެޅުމަށް...އަހަރެން ދޫނުކުރިމާ ގަނޑުކޮޅެއްގަ ލިޔެފަ އީމެއިލް އެޑްރެސް އެއްދިނީ. ރައްތިތުން ގުނބޯ ހައްދަން ނޫޅޭ ފުލުހުން.. އަހަންނަކީ ކްރިޕްޓޯ ވިއްކާ މީހެއް މިޒާތުގަ ކަމެއްގަ މަކަރުން މީހަކަު މެދުވެރިޔަކަށް ހެދީ.. ފުލުހުން މައްސަލަ ކިޔައިދިނަސް އަޑުވެސްނާހާ..އުޅެނީ ރިކަވަރީ ހަދަން ބަޑިޖައްސައިެން
މަޖީދު
20 August 2025
ދެން މަކަރުވެެިޔާ ޑޮލަރުގަންނަ މީހާޔަށްދެނީ ކްރިޕްޓޯ މީހާގެ ބޭންއެކައުންޓް ނަމްބަރު. ކްރިޕްޓޯ މީހާ އެދުނުން ވަގުތުން އަސްލު މީހާ އަތުން މަކަރުވެެިޔާ ހޯދައިގެން އައިޑީ ކާޑު ދޭ..ފުލުހުން ބުނަނީ ކްރިޕޓޯމީހާ ކައިރީ ލާރި ދޭން. މީކީ އަދި ހަމަޖެހޭ އުސޫލެއް ނޫން.ކްރިޕްޓޯ މީހާގެ ވާހަކަ އަދެއްވެސް ނާހާ ފުރަތަމަވެސް ވަގަކަށް ހަދާނީ އޭނާ.. ފުލުހުން އެކައުންޓު ފްރީޒްކުރާނީ.. މިހެން ލާރި ރިކަވާކޮށްގެން ސައުރު އޭސިޔާއިން އެއްވަނަ ލިބެނީ.. މިހެން ވިކުރާ މަތިވާނީ
ފެނި ގެއްލޭ
19 August 2025
ތި ގެއްލުނި ފައިސާ ހޯދުނަސް ފުލުސް އޮފީހުގައި ނުބަހައްޓާތި. ގެއްލޭނެ!!! އެންމެ ފަހުން 30000 ޑޮލަރު ވެސް ގެއްލުނީ.
ބުރުގާ
19 August 2025
ތި ގިންތީގެ ކުއްތަކަކީ ރާއްޖޭގެ ފުލުހުންނައް ތަހުގީގު ކުރެވޭނެ ވަރައްވުރެ މާ މަތީފަންތީ ކުއްތައް. މިތާ ފުލުހުންނައް އެއުޅެނީ މަގުމަތީ އުޅޭ 2، 3 މަސްތުވާ ގޭންގަކައް ހަދާނެ ނުހަދާނެ ނޭގިގެން...