ލައިފްސްޓައިލް / ފިޓްނެސް

އަހަރެން ހިކެންޏާ އެހެން މީހުންނަށް ވެސް މިކަން ވާނެ: ބާރްތީ

09 ސެޕްޓެމްބަރ 2021 - 06:54

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގަކީ އަބަދު ވެސް ވަރަށް ފަލަކޮށް ހުންނަ މީހެކެވެ. އޭނާ ޓީވީން ފެންނަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ހަށިގަނޑުގެ ބައްޓަމަށް މާ ބޮޑު ބަދަލެއް އައި ތަނެއް ނުފެނެ އެވެ. މީގެ ހަތަރު އަހަރު ކުރިން ކައިވެނިކުރި ހުނަރުވެރި ކޮމީޑިއަން އެހެން ހުންނާތީ، ފިރިމީހާ ހާޝް ލިމްބާޗިއާ އެކަމަށް ޖޯކު ވެސް ޖަހަ އެވެ.

ހާޝް އަކީ ބާރްތީއާ އަޅާބަލާއިރު ވަރަށް ހިކިކޮށް ހުންނަ މީހެކެވެ. މި ދެމަފިރިންނަކީ މިހާރު ކަލާޒްގެ "ޑާންސް ދީވާނޭ" ގެ ހޯސްޓުންނެވެ. ހޯސްޓުންގެ ގޮތުގަ އާއި ދެ ކޮމީޑީއަނުންގެ ގޮތުގައި ބާރްތީގެ ދެމަފިރިން ވަރަށް މަގުބޫލެވެ.

ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް މުހިއްމު ބައިވެރިއެއް ކަމަށްވާ ބާރްތީ މިހާރު ވަނީ ހިކެން މަސައްކަތް ފަށައި، ނަތީޖާ ވެސް ނެރެފަ އެވެ. އެންޑީޓީވީ އަށް ދިން އިންޓިއުއެއްގައި 37 އަހަރުގެ ފަންނާނު ބުނީ ހިކެން މަސައްކަތް ފެށީ މީގެ 10 ވަރަކަށް މަސް ކުރިން ކަމަށެވެ. އޭރު ފަށައިގަތް އިރު ބަރުދަނުގައި 91 ކިލޯ ހުރި ނަމަވެސް މިހާރު ބަރުދަނަކީ 75 ކިލޯ ކަމަށް ބުންޏެވެ.

ބާރްތީގެ ހަށިގަނޑަށް މިހާރު އައިސްފައި ހުރި ބަދަލު އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ފޮޓޯތަކުން ވެސް ފާހަގަކުރެވޭނެ އެވެ.

ބާރްތީ ބުނި ގޮތުގައި ހިކެން މަސައްކަތް ފެށި ފުރަތަމަ 10-15 ވަރަކަށް ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވި އެވެ. ސަބަބަކީ އޭނާ އަކީ ކެއުމަށް ދެވިހިފާފައި ހުރި މީހަކަށް ވުމެވެ.

ބާރްތީ ކިޔައިދިން ގޮތުގައި ހިކެންކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ރޭގަނޑު 7-12އާ ދެމެދު އެއްވެސް އެއްޗެއް ނުކައި ހުސްބަނޑާ ހުރުމެވެ.

"އެކަމަކު ފުރަތަމަކޮޅު ވާގޮތަކީ ބަނޑުހައިވެގެން ގޮސް ދަންވަރު ހޭލެވެނީ. ދެން ތެދުވެ، މެގީ ނޫޑޫލްސް ކަހަލަ އެއްޗެއް ކައްކާލައިގެން ނުވަތަ ފްރިޖްގައި ހުންނަ ތަރުކާރީ ކަހަލަ އެއްޗެއް ހަމަ ކާލެވެނީ،" އޭނާ ބުންޏެވެ. "ނަމަވެސް މިހާރު ކެއުމާ ދުރުވާން އާދަވާން ފަށައިފި. ދިހަ މަސް ދުވަހުގެ ތެރޭގައި ނަތީޖާ ވެސް ފެންނަން ފެށީ އެ ހިތްވަރުގެ ސަބަބުން."

އަބަދު ވެސް ވަރަށް މަޖާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ބާރްތީ ބުނީ ހިކެން ވަކި ހާއްސަ ޑައިޓެއް ފޮލޯނުކުރާ ކަމަށެވެ. އޭނާ ކުރާ ކަމަކީ ކޮންމެ ދުވަހެއްގެ ކެއުން މަދުކުރުމެވެ.

"އެބަ ހުންނަން ގިނަ ދުވަސް ދުވަހު މިހާރު ފަނަރަ ސޯޅަ ގަޑިއިރު ވަންދެން ހަމައެކަނި ފެން ބޯލައިގެން،" ބާރްތީ ބުންޏެވެ. "އަހަރެންގެ ތަޖުރިބާއިން ބުނާނީ ހިކެން މަސައްކަތްކޮށްފި ނަމަ މިއީ އެއްވެސް މީހަކަށް ނުވާނެ ކަމެއް ނޫނޭ. އަހަރެން ދުވަހަކު ހިއެއް ވެސް ނުކުރަން އަހަންނަށް މި ވަރުގެ ބަދަލެއް ގެނެވިދާނެ ކަމަކަށް. އަހަންނަށް މިކަން ކުރެވެންޏާ މިކަން ނުކުރެވޭނެ މީހަކު ނުހުންނާނެ."

އޭނާ ބުނި ގޮތުގައި ހިކެންފަށައި ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރަން ފެށި ފަހުން މިހާރު ކުރިން ދިމާވެފައި ހުރި ބައެއް ބަލިތަކަށް ވެސް ވަނީ ބޮޑު ލުއެއް ލިބިފައިވެ އެވެ. ބާރްތީ އަކީ ވަރަށް ބޮޑަށް ނޭވާހިއްލާ އަދި ހަކުރުގެ މައްސަލަ ވެސް ހުންނަ މީހެކެވެ.

"ހިކެން މި ވަރުގެ ހިތްވަރެއްލާން މަގުފަހިވީ އަސްލު ލޮކްޑައުންއާ ހެދި. އެހެންވީމަ މީގެ އެންމެ ބޮޑު ކްރެޑިޓެއް ދާނެ ލޮކްޑައުން އަށް،" ބައެއް ފިލްމުތަކުގައި ވެސް މަސައްކަޔްކޮށްފައިވާ ބާރްތީ ބުންޏެވެ. "މި މަސައްކަތުގެ ބޮޑު ބައި އަދި ކުރިއަށް އޮތީ."

0 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454