ފިރިހެން މިއުޒިޝަނުން އުޅޭ ބޭންޑަކަށް ވަނުމުގެ އުންމީދުގައި ޗައިނާގެ ފުރާވަރުގެ އަންހެން ކުއްޖަކު ޖިންސް އޮޅުވާލި މައްސަލައެއް ފަޅާއެރުމުން އެކަމަށް މާފަށް އެދި، ދެން ދުވަހަކު ވެސް މުނިފޫހި ދާއިރާގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޗައިނާގެ މަޝްހޫރު ޓެލެންޓް މެނޭޖްމަންޓް އެޖެންސީއަކަށް ޖިންސް އޮޅުވައިލީ ފޫ ޖިއާޔުއާން ކިޔާ 13 އަހަރުގެ އަންހެން ކުއްޖެކެވެ. މިކަމެއް ފަޅާއެރި އިރު އޭނާ އަކީ 11-13 އަހަރާ ދެމެދުގެ ފިރިހެން ކުދިން ރެކްރޫޓްކުރާ ވައިޖީއެން ޔޫތު ކުލަބްގެ ބޫޓް ކޭމްޕެއްގެ ބައިވެރިއެކެވެ. އެކަމަކު ރަސްމީކޮށް އޭގެ މެމްބަރެއް ނޫނެވެ.

މެމްބަރަކަށް ވެވެނީ އެތަނުން ހިންގާ ތަފާތު އެކި ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރުމަށް ފަހު އެވެ. ވައިޖީއެން ޔޫތު ކުލަބަކީ ކުރިއަށް އޮތް ޖީލުތަކަށް ފިރިހެން ފަންނާނުން އުފައްދާ ތަނެކެވެ. އޭގެ ތެރޭގައި ލަވަކިޔުމާއި ނެށުމުގެ ހުނަރުތައް ހިމެނެ އެވެ.

ފޫ، ޖިންސް އޮޅުވާލި މައްސަލަ ބަޔަކު ސޯޝަލް މީޑިއާގައި ފަޅާއަރުވައިލުމުން ވައިޖީއެން ޔޫތު ކުލަބުން ބުނީ އެގޮތަށް ދިމާވީ އޮންލައިންކޮށް އޮޑިޝަން ކުރިއަށް ގެންދަން ޖެހުމުން ކަމަށެވެ. އަދި ކުރިން އެފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށް ވެސް ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާނަން." ވައިޖީއެން ޔޫތު ކުލަބުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޮޑިޝަން އޮންލައިންކޮށް ބޭއްވީ ކޮވިޑާ ހެދި އަޅާފައިވާ ފިޔަވަޅުތަކާ ހެދި އެވެ. މިކަމާ ގުޅިގެން ފާޑުކީ މީހުން ވަނީ ފޫ، ޗައިނާގެ މަޝްހޫރު ހިޔާލީ ކެރެކްޓާއެއް ކަމަށްވާ "މުލާން" އާ ވެސް ގުޅުވައި ޖޯކް ޖަހައިފަ އެވެ.

ޖިންސް އޮޅުވައިލި އަންހެން ކުއްޖާ.
ޖިންސް އޮޅުވައިލި އަންހެން ކުއްޖާ.

މިދިޔަ އަހަރު ޑިޒްނީން ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ވެސް ގެނެސްދިން "މުލާން" އަކީ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ޖިންސް އޮޅުވާލައިގެން ހަނގުރާމަ އަށް ނުކުމެ ކާމިޔާބު ހޯދާ ގޮތް ދައްކުވައިދޭ އެއްޗެކެވެ.

ޖިންސު އޮޅުވައިލި މައްސަލަ ހޫވުމުން ފޫ މައާފަށް އެދި ބުނީ އޭނާ ދެން އެންޓަޓައިންމަންޓް ދާއިރާއާ އެއްކޮށް ވަކިވީ ކަމަށެވެ.

"އެ ދާއިރާގެ އެއްވެސް ކަމެއްގައި ދެން ބައިވެރިއެއް ނޫޅޭނަން. އަދި އެންޓަޓައިންމަންޓާ ގުޅުން ހުރި އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ވެސް ޕޯސްޓެއް ވެސް ނުކުރާނަން." އޭނާ ބުންޏެވެ.

ޗައިނާ އަކީ ޒުވާން ފިރިހެން ފަންނާނުންނާއި ފިރިހެން ބޭންޑްތަކުގެ މަގުބޫލުކަމާއި ނުފޫޒު ބޮޑު ގައުމެކެވެ.