ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އޭންމެ ފާހަގަ ކުރެވޭ އެއް ނަމަކީ ބަންގްލަދޭޝް ރޮނަން ސުލިވާން އެވެ. އަދި އަދި އޭނާއާ އެއްބަނޑު ޑެކްލަން ސުލިވާންގެ ނަމެވެ.
މުބާރާތުގެ ފައިނަލަށް ބްނަގްލަދޭޝް ގެންގޮސްދިނުމގައި މުހިންމު ދައުރެއް އަދާކުރީ ބަންގްލަދޭޝް ދަރިކޮޅުގެ އެމެރިކާގެ ރޮނަން އާއި ޑެކްލަން އެވެ.
އެމެރިކާގެ ފިލަޑެލްފިއާ ޔޫނިއަން އެކަޑަމީން ތަމްރީނުވި މި ދެބެއިންނަކީ އެމެރިކާގެ މޭޖާ ލީގް ސޮކާގައި ވިދަމުންދާ ކުއިން ސުލިވާން އާއި ކަވަން ސުލިވާންގެ ދެ ކޮއްކޮ އެވެ.
އެމެރިކާ އުފަން ހުނަރު މި ދެ ކުޅުންތެރިން ބަންގްލަދޭޝްގެ ގައުމީ ޓީމު އިހްތިޔާރު ކުރުވުމަކީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހޯދި ބޮޑު ކާމިޔާބީއެކެވެ.
ޓީމުގެ ހެޑް ކޯޗު މާކް އެޑްވާޑް ކޮކްސް ފާހަގަކުރި ގޮތުގައި، މި ދެބެއިން ޓީމާ ގުޅުމަކީ މުޅި ސްކޮޑުގެ ފެންވަރު މަތިވެގެންދިޔަ ސަބަބެކެވެ. ރޮނަންގެ ފަރާތުން ފެންނަ ހުނަރުވެރި ކުޅުމާއި، ޑެކްލަންގެ ޑިފެންސިވް ހުނަރަކީ ބަންގްލަދޭޝްގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލެއް ގެނުވި ކަމެއް ކަމަށް ކޮކްސް ދެކެ އެވެ.
"ރޮނަން އާއި ޑެކްލަން އަކީ ހަމައެކަނި ހުނަރުވެރި ދެ ކުޅުންތެރިންނެއް ނޫން. އެއީ ޕްރޮފެޝަނަލް މިންގަނޑުތަކަށް ލޯބިކުރާ، ޓީމުގެ އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކާ ދެބެއިން،" މުބާރާތުގެ ތެރެއިން މީޑީއާއާ ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު ބުނެފައިވެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ރޮނަން ސުލިވާން ޖެހި ދެ ގޯލާ އެކު ސަރަހައްދުގައި އޭނާ އަށް ވަނީ މަގުބޫލުކަމެއް ލިބިފަ އެވެ. ހާއްސަކޮށް އޭނާ ފޮނުވާލި ހެޓްރިކް ގޯލަށް ވައްދާލައި، ބަންގްލަދޭޝްގެ ސަޕޯޓަރުން ކައްކުވާލި އެވެ. ސަޕޯޓަރުންނާ އެކު އޭނާ އުފާފާޅު ކުރި ގޮތުން ވެސް ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންގެ މެދުގައި އޭނާ ވަނީ މަގުބޫލުކަމެއް ހޯދައިފަ އެވެ.
ކޮކްސް ބުނި ގޮތުގައި ދަނޑުމަތިން ފެންނަނީ ސުލިވާންގެ "އާޓިސްޓިކް" ސްޓައިލެވެ.
ޑެކްލަން ސުލިވާންއަކީ ޑިފެންސްލައިން ބެލެހެއްޓުމުގައި ކޯޗު އިތުބާރުކުރާ ކުޅުންތެރިޔެކެވެ. އެ ދެ ކުޅުންތެރިންގެ ތަފާތަކީ އެމެރިކާގެ ހުނަރު ތޯ ސުވާލު ކުރުމުން ކޮކްސް ބުނީ ތަފާތަކީ ސަރަހައްދުގެ ފުޓްބޯޅަ އަށް އަވަހަށް ހޭނުން ކަމަށެވެ.
"އެމެރިކާގެ ސިސްޓަމުން އައި ކުޅުންތެރިން ކަމަށްވިޔަސް ދެކުނު އޭޝިއާގެ ފުޓުބޯޅައިގައި ހުންނަ ފޯރިއާއި ވަރުގަދަކަމަށް އެ ކުޅުންތެރިން ވަރަށް އަވަހަށް ހޭނިއްޖެ،" ކޮކްސް ބުންޏެވެ.
އޭނާ ބުނީ މި މުބާރާތުން ފެނުނީ ކުރިއަށް އޮތް އަހަރުތަކުގައި ސަރަހައްދުގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރި ކަމަށެވެ. މުބާރާތުގެ ފައިނަލު މެޗުގައި އިންޑިއާ ދެކޮޅަށް ބަންގްލަދޭޝް މިރޭ ނުކުންނާ އެވެ.
މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.