ދުނިޔޭގެ މަޝްހޫރު "އޯޝަންމޭން ގްލޯބަލް" ފްރެންޗައިޒްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "އޯޝަންމޭން މޯލްޑިވްސް"އާ އެކު، ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އާ ބާބެއް ލިޔެވިއްޖެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލޑިވްސް" އިން އިންތިޒާމު ކުރާ އޯޝަން މޭން މޯލްޑިވްސް އިފުތިތާހު ކޮށްދެއްވުމަށް ކ. މާފުައްޓަށް މިއަދު ވަޑައިގެން، މިނިސްޓަރު ވަނީ އެ ހަފުލާ ޝަރަފުވެރިކޮށް ދެއްވާފަ އެވެ.
އެ ރަސްމިއްޔާތަށް ފަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ރާއްޖެ އަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން، އޯޝަން މޭން މޯލްޑިވްސްއަކީ އެ މަގަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާފިއު ވިދާޅުވި ގޮތުގައި 40 ގައުމަކުން 500 އަށް ވުރެ ގިނަ ފެތުންތެރިން މި މުބާރާތުގައި ބައިވެރިވުމަކީ ކުޅިވަރުގެ ޗާޓުގައި ރާއްޖެ ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
"މިއީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއް ނޫން. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން، ހާއްސަކޮށް އަޅުގަނޑުމެންގެ ސާފު މޫދާއި ރަށްތަކުގެ ހިތްގައިމުކަން މުޅި ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ ތަނެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ކުޅިވަރުގެ މުހިންމު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޯޝަން މޭން މޯލްޑިވްސް ފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޚާއްސަކޮށް ލޯކަލް ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.
އޯޝަން މޭންގެ އިވެންޓަށް މަރުހަބާ ކިޔުމުގައި މާފުށިން ދިން އެއްބާރުލުމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރާފިއު ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ރާއްޖޭގައި ވާދަކުރާތަން ފެނުމަކީ ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
"މިއީ ހަމައެކަނި ފެށުމެއް. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖެއަކީ އޯޕަން ވޯޓާ ސްވިމިން އާއި މޫދުގެ އެހެނިހެން ކުޅިވަރުތަކުގެ މައި ހަބަކަށް ހެދުން،" ރާފިއު ވިދާޅުވި އެވެ.
ކުޅިވަރު ކުރިއެރުވުމުގައި ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ސަރުކާރުން އިސްކަންދޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ބޮޑެތި މުބާރާތްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރާފިއު ވަނީ ދެއްވާފަ އެވެ.