ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ރަސްމީ ފުޓްބޯޅަ މުބާރާތެއް މިއަދު ފަށައިފި އެވެ. 

އެފްއޭއެމްގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ނުވަތަ މިހާރުގެ ނަމުން ނަމަ، ރާއްޖެ ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުންދަށުގެ ޗެމްޕިއަންޝިޕް މިއަދު ވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް އޮންނަ ފުޓްބޯޅަ ދަނޑުގައި ފަށާފަ އެވެ. 

މިއީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 22 އަހަރުވީ ތާރީހުގައި، ރަސްމީ ފުޓްބޯޅަ މުބާރާތެއް އެ އަވަށުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ހުޅުމާލޭގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް 1997 ވަނަ އަހަރު ފެށި ހުޅުމާލެ މަޝްރޫއުގެ ދަށުން، އެ ތަނުގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ މެއި 12، 2004 ގަ އެވެ . ދެ ފޭސްއަކަށް ބަހާލައިގެން ތަރައްގީކުރި ހުޅުމާލޭގެ ތާރީހުގައި މިއީ ކުޅިވަރުގެ ގޮތުން ފާހަގަކޮށްލެވޭނެ މުހިންމު ދުވަހެކެވެ.

މުބާރާތުގައި 25 ޓީމު ވާދަކުރެ އެވެ. އެ ޓީމުތައް ވަނީ ހަ ގުރޫޕަކަށް ބަހާލާފަ އެވެ. މީގެ ތެރޭގައި ރަށްރަށަށް ނިސްބަތްވާ ހަތް ޓީމެއް ބައިވެރިވެ އެވެ. އެއީ ކ. ގުޅީ ސްކޫލް، ކ. މާފުށީ ސްކޫލް، ވ. ކެޔޮދޫ ސްކޫލް، އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒު، ކ. ހިންމަފުށީ ސްކޫލް، ކ. ގުރައިދޫ ސްކޫލް އަދި ކ. ކާށިދޫގައި ހުންނަ އެ އަތޮޅު މަދަރުސާ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ކ. ގުޅި ސްކޫލުން ވަނީ 2-1 ގެ ނަތީޖާއަކުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފަ އެވެ. އެއީ ހުޅުމާލޭގެ ފަސްގަނޑުގައި ކުޅުނު ރަސްމީ ފުޓްބޯޅައިގެ ފުރަތަމަ މެޗެވެ. 

ހުޅުމާލޭ ސިންޓެޓިކް ޓްރެކް ދަނޑުގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ ސިންޓެޓިކް ޓްރެކް ދަނޑުގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދުން ފެށިގެން އަންނަ މަހު 17 ގެ ނިޔަލަށް ކުރިއަށްގެންދާ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕްގެ 17 އަހަރުންދަށުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކް ސްޓޭޑިއަމްގަ އެވެ. 

ހުޅުމޭޅާގެ އެ ދަނޑު، އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތާށް ދޫކުރުމުން، އެތުލެޓިކްސްގެ ތަމްރީންތަކަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެތުެލޓިކްސް ކޮމިޔުނިޓީގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

ހުޅުމާލޭގައި ރަސްމީ ފުޓްބޯޅަ މެޗުތައް ކުޅެން މި ފެށީ، ރާއްޖޭގެ މައި ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު އުވާލައި، ގައުމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އޮތް މަރުހަލާއާ ބެހޭގޮތުން ސަރުކާރުން ވާހަކަތަކެއް ދައްކަމުންދާ ދުވަސްވަރެއްގަ އެވެ. 

ހުޅުމާލޭ ސިންޓެޓިކް ޓްރެކް ދަނޑުގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭ ސިންޓެޓިކް ޓްރެކް ދަނޑުގައި ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ސްޓޭޑިއަމް އިމާރާތް ކުރަން ސައުދީ އަރަބިއާ އާއި ޗައިނާގެ ހިލޭ އެހީ ހޯދުމަށް އެ ދެ ގައުމާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އެ މަޝްވަރާތަކަށް ފަހު މި އަހަރު ސްޓޭޑިއަމްގެ ސާވޭކޮށް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.