އެފްއޭއެމުން ބާއްވާ އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.
އެފްއޭއެމްގެ އެކްސްކޯއިން އިއްޔެ ނިންމުމުގައިވާ ގޮތުން 2026 ވަނަ އަހަރު ފުޓްސަލްގެ ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ އަތޮޅު ފުޓްސަލްގެ ތަރުތީބުގައި ހިމެނޭ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕާއި، ޒޯން ޗެމްޕިއަންޝިޕާއި، ރީޖަން ޗެމްޕިއަންޝިޕްގެ އިތުރުން އެފްއޭއެމް ނެޝަނަލް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އެވެ.
ބައިވެރިވުމުގެ މުއްދަތާއި މުބާރާތް ފަށާ ތާރީޚް
މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހު 14 އެވެ. އަދި އެންމެ ފުރަތަމަ ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ގަ އެވެ. މުބާރާތްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
މުބާރާތް ކުރިއަށްދާނެ އުސޫލު
އަތޮޅު ފުޓްސަލް މުބާރާތް ވެސް ކުރިއަށްދާނީ އެ އެސޯސިއޭޝަނުން މިހާރު ވެސް ފުޓްބޯޅައިގެ އެޓޯލް ޗެމްޕިއަންޝިޕް ކުރިއަށްގެންދާ ފޯމެޓަށެވެ. މި އުސޫލުގެ ދަށުން މުބާރާތް ބާއްވާނީ އެފްއޭއެމުން ކަނޑައަޅާ ވަކި ރަށްތަކެއްގައި ހޮސްޓްކުރާ ގޮތަށެވެ. ރީޖަނަލް ލީގުން ފެށިގެން ހޯމް، އަވޭ އުސޫލުން މެޗުތައް ކުޅޭނެ އެވެ.
މި އަހަރުގެ އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުން ވަކި އަދަދަކަށް ޓީމުތައް ރާއްޖޭގެ މައި ފުޓްސަލް ލީގަށް ޕްރޮމޯޓް ކުރުމަށް ވަނީ ނިންމާފައެވެ. މައި ފުޓްސަލް ލީގަކީ އަންނަ އަހަރު ކްލަބް މޯލްޑިވްސްއިން ބާއްވާ މުބާރާތެކެވެ.
މައި ފުޓްސަލް މުބާރަތަށް، އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މެދުވެރިކޮށް ކޮލިފައިވާނީ ޖުމްލަ ކިތައް ޓީމުކަން ފަހުން ކަނޑައަޅާނެ ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ.
ރާއްޖޭގެ މައި ފުޓްސަލް ލީގު ނުވަތަ ޕްރީމިއަމް ފުޓްސަލް މުބާރާތުގެ ގޮތުގައި ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން ވަނީ ބަލައިގެންފަ އެވެ.
ކްލަބް މޯލްޑިވްސްއިން ބާއްވަން ތައްޔާރުވަމުން އަންނަ ފިރިހެން އަދި އަންހެން މުބާރާތްތަކަކީ ވެސް ރާއްޖޭގެ ރަސްމީ ފުޓްސަލް މުބާރާތެވެ.
މެދުކެނޑުމަކަށް ފަހު އެފްއޭއެމް އެވޯޑްސް މި އަހަރު ބޭއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ކުރިން އިއުލާންކޮށްފަ އެވެ. އެ އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވުމުގެ ކެޓަގަރީ ވެސް ވަނީ މުޅިން އަލަށް ހިމަނައިފަ އެވެ.