ރާއްޖޭގެ ވޮލީގެ ހާލަތު ދުނިޔޭގެ ފެޑެރޭޝަނުން އޮޅުންފިލުވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފާހަގަކުރެވި، އެ އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމާފައި ވާތީ އެކަން އޮޅުންފިލުވަން ވޮލީގެ ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީން ނިންމައިފި އެވެ.


ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް، ހިންގާ ކޮމިޓީ އުވާލައި އިންޓަރިމް/ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީއާ ހަވާލުކޮށްފައިވަނީ އެސޯސިއޭޝަން ހިންގުމުގެ އިތުރުން ހުރި މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި އިސްލާހުކޮށް އާ އިންތިހާބަކަށް ދިއުމެވެ.

އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ފަބިއޯ އަޒެވޭޑޯ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިންޓަރިމް ކޮމިޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ ފެޑެރޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ވީއޭއެމް އޮފީސް ވެސް ހިންގަނީ އިންޓަރިމް ކޮމިޓީންކަން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފެޑެރޭޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ކަމާ ބެހޭ މައުލޫމާތުތައް އެއްކުރުމަށް ކަމަށެވެ.

"އެފްއައިވީބީގެ ވަރަށް ބޮޑު އެދުމެއް ދިމާވެގެން މި އުޅޭ ކަންތައްތަކާ ބެހޭގޮތުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އަށް ލިބިފައި ހުރި ހުރިހާ މައުލޫމާތެއް މި ފެޑެރޭޝަނަށް (އެފްއައިވީބީ) އަށް ހިއްސާ ކުރުމަކީ." ސިޓީގައި ވެ އެވެ.

ބައިނަލްއަގްވާމީ ވޮލީ އިދާރާ އިން ބުނިގޮތުގައި، ވީއޭއެމް އަކީ އެފްއައިވީބީގެ ފުލް މެމްބަރެކެވެ. އެއާ އެކު ވީއޭއެމަށް ލިބޭ ހައްގުތަކެއް ހުންނާނެ ކަމަށާއި މި ވަގުތަށް އެފްއައިވީބީ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ލަތީފްގެ ލީޑަޝިޕްގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީ އުވާލަންޖެހޭ ސަބަބެއް އެނގިފައި ނެތް ކަމަށެވެ. އަދި މައުލޫމާތުތައް ލިބި ތަހުގީގީ މަރުހަލާ ނިމެންދެން އެފްއައިވީބީން ދެކޭނީ ވީއޭއެމްގެ ހިންގާ ކޮމިޓީ އަކީ ލަތީފްގެ އެންމެ ފަހުގެ ހިންގާ ކޮމިޓީ ކަމަށް އެފްއައިވީބީގެ ސިޓީގައި ވެ އެވެ.

އެފްއައިވީބީން ވަނީ މި ކަމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުން ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައި ވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. ލަތީފަށް ވީއޭއެމްގެ ރައީސްގެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.

ލަތީފްގެ ދައުރުގައި އެކި މަގާމުތަކުގައި މީހުން ހަރުނުލާއިރު، އޭނާގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ، ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް، އަސާސީ ގަވާއިދު ބަދަލު ކުރުމުގެ އިތުރުން ވޮލީގެ ލޯގޯ އަށް ވެސް ބަދަލު ގެނައުމުންނެވެ. އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ. މީޑިއާ އަށް ދައުވަތު ނުދީ މިދިޔަ އަހަރު ބޭއްވި އަހަރީ ޖަލްސާގައި އަސާސީ ގަވައިދަށް ބަދަލުގެނައީ ގަވައިދާ ހިލާފަށް ކަމަށް އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރެއްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލަން ނިންމީ މިދިޔަ މެއި މަހު ވީއޭއެމާ ގުޅޭގޮތުން ހުށަހެޅުނު ސީރިއަސް މައްސަލަތަކެއް ބެލުމަށް އެކުލަވައިލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބެލުމަށް ފަހު އެވެ.

ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ)، ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.

ވީއޭއެމް ހިންގުން އިންޓަރިމް ކޮމިޓީއާ ހަވާލުކުރުމުގެ ކުރިން ލަތީފް އެންމެ ފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމަށް މިިދިޔަ މަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މި މަހުގެ ނިޔަލަށް ވީއޭއެމްގެ އިސްލާހީ މަސައްކަތް ނިމޭނެ ކަމަށާއި އެކަމަށް ފުރުސަތު ދީފައި އާ އިންތިހާބެއް ބާއްވާނަމަ އެ އިންތިހާބެއްގައި ލަތީފް ވާދަނުކުރާނެ ކަމަށެވެ. އެކަމަކު ލަތީފްގެ އެ އެދުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަމަލުނުކުރީ ވީއޭއެމްގެ ހިންގުން ގޯސްވެފައި އޮތް މިންވަރު ބޮޑުވުމުންނެވެ.