ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ އަށް

މާޒިޔާގެ ކުޅުންތެރިއަކު ކައިރިން ޓީސީގެ ދާދު (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ފަހަތުން އަރައި 3-1 އިން މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ފައިނަލުގައި ޓީސީ ނުކުންނާނީ އަންނަ އާދިއްތަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން އީގަލްސްއާ ދެކޮޅަށެވެ. އީގަލްސް ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށް ފަހު އެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން، ރޭ ފަތިހު ނިޔާވި ދިވެހި ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަލީ ނަސީމް (ކޮއްޔަ ނަސީމް)ގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނަ އެވެ. ދެ ޓީމުގެ ކުޅުންތެރިން ވެސް ކުޅުނީ ކޮއްޔަ ނަސީމްގެ ހަނދާނުގައި ކަޅު ބޭންޑް އަޅައިގެންނެވެ.

މެޗު ފަށައިގެން ޓީސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ޓީސީގެ އަލީ ހާފިޒު (އައްޔަ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ މާޒިޔާ ކީޕަރު ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އޭގެ 10 މިނިޓް ފަހުން ޓީސީގެ ކެޕްޓަން އިބްރާހިމް ވަހީދު (އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާ ހާފް ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ހުސެއިން ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން މާޒިޔާ ޑިފެންޑަރުން ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި މާޒިޔާގެ ލަނޑު ކާމިޔާބުކުރީ މި މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިންޝާލް އެވެ. އިންޝާލް މި ލަނޑު ކާމިޔާބުކުރީ ޓީސީގެ ކީޕަރާއި ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އެވެ.

މާޒިޔާ އިން ލީޑުނެގުމުން ޓީސީން ވަނީ އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު ހަސަން ނާއިޒު (ދާދު) ކުޅެން އަރުވައިފަ އެވެ. މިއަދުގެ މެޗުގައި ޓީސީން ޖެހި ތިން ލަނޑުގައި ވެސް ދާދުގެ ދައުރު ބޮޑެވެ.

ލީޑުފުޅާކުރަން މާޒިޔާގެ އަބްދުﷲ މިސްބާހަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 38 ވަނަ މިނިޓްގައި އިންޝާލް ދިން ބޯޅައެއް ޓީސީ އޭރިއާ ތެރެއިން ހޯދުމަށް ފަހު މިސްބާހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީން އެއްވަރުކުރީ ފުރަތަމަ ހާފްގެ ފަހު މިނިޓްގަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހި ޓީމުގެ ކެޕްޓަން އިއްބެ އެވެ. މި ޕެނަލްޓީ އަކީ މާޒިޔާ އޭރިއާ ތެރެއިން އެ ޓީމުގެ އަހުމަދު ސަމާއިލް ޓީސީގެ ދާދު އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. ލިބުނު ކޯނަރަކުން ޓީސީ އޭރިއާގެ ތެރެއިން މިސްބާހު ފޮނުވާލި ބޯޅަ ޓީސީ ކީޕަރު އިބްރާހިމް ނާޖިހު ވަނީ މަތަކޮށްފަ އެވެ.

ޓީސީން ލީޑު ނެގީ މެޗުގެ 52 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަކްމަލް މުހައްމަދު އެވެ. ދާދު ހުސްކޮށްލާފައި ދިން ބޯޅަ އަކްމަލް ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު ހުސެއިން އަތުގައި ޖެހިފަ އެވެ.

ލީޑުފުޅާކުރަން ޓީސީގެ އަރާޝް އައްސަދު އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ސަޔާމް އަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޓީސީން ފަހު ލަނޑު ޖެހި މާޒިޔާ އިން ކުރިއަށް އަރައިތިބި ވަގުތެއްގައި ކައުންޓަ އެޓޭކެއްގަ އެވެ. މެޗުގެ ފަހު މިނިޓްގައި މި ލަނޑު ޖެހީ އައްޔަ އެވެ. މާޒިޔާގެ މެދުތެރެއިން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ދާދު ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން ހޯދުމަށް ފަހު އައްޔަ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

20 October 2016

މަރްހަބާ ޓީސީ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454