މާޒިޔާ އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެ ޓީމުގެ ޒިންމާއާ ހަވާލުވާނީ އިތުބާރާ އެކު ކެރިގެން ކަމަށް މާޒިޔާގެ ކޯޗުކަމާ ހަވާލުވި މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މާޒިޔާގެ ތާރީހުގައި އެ ޓީމާ ހަވާލުވި ދިވެހި ތިން ވަނަ ކޯޗެއްގެ ގޮތުގައި ނިޒާމްބެ އެ ޓީމާ ހަވާލުވީ ކުރިއަށް އޮތް ސީޒަނަށާއި މި ސީޒަނުގެ އެފްއޭ ކަޕަށެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން މާޒިޔާ އަށް ކާމިޔާބުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ނިޒާމްބެ ބުނީ މާޒިޔާ މިހާ އޮގަނައިޒްކޮށް ހިންގުމުގައި އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދާއި ކްލަބްގެ މެނޭޖްމަންޓްގެ ހީވާގި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. ގިނަ ބަޔެއްގެ ނަޒަރުގައި މާޒިޔާ ކޯޗުކަމަކީ ޝަރަފެއްގެ ގޮތުގައި އޮތް ކަމެއް ވިޔަސް އޭނާ ދެކޭނީ މިއީ ޒިންމާއެއްގެ ގޮތުގައި ކަމަށް ނިޒާމްބެ ބުންޏެވެ.
"އެސްޓަބްލިޝްވެފައި އޮތް ބްރޭންޑަކާ އަޅުގަނޑު މި ހަވާލުވީ. މީގެ ކުރިން އަޅުގަނޑު ކުރިން ވެސް ހުރީ ސެކަންޑް ޑިވިޝަނުން ނޫނިއްޔާ އާދައިގެ ޓީމެއް ނަގައިގެން އެ ޓީމުތަކާ އެކު މަސައްކަތްކޮށްފައި. މި މަސައްކަތަކީ ހުދު އަޅުގަނޑު ވެސް އަމިއްލަ އަކަށް އަޅުގަނޑު ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ވިސްނާފައި ނެގި ޑިޒިޝަނެއް. މި ޕްރޮޖެކްޓްގައި އަޅުގަނޑު ސަކްސެސް (ކާމިޔާބު) ވެގެން ނިންމާލާއިރު އަޅުގަނޑު ކެރިއަރުގައި އެންމެ ރަނގަޅު ހަރުފަތް ގިރާ ކުރެވެނީ. ތެދުތެދަށް ދަންނަވާކަމަށްވަންޏާމު މި ޓީމުގެ ނަތީޖާ ނޫނީ މި ޓީމުގެ ޓާގެޓްތައް ވަރަށް ތަފާތުވާނެ. އެކަން އެނގިހުރެ އަޅުގަނޑު ހަވާލުވީ،" ނިޒާމްބެ ބުންޏެވެ.
ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަށް އެންމެ ފަހުން ކޯޗުކޮށްދިން ނިޒާމްބެ ދިވެހި ފުޓްބޯޅައިގައި މީގެ ކުރިން ހަވާލުވެފައިވަނީ ތަފާތު ޕްރޮޖެކްޓްތަކާ އެވެ. އެ ގޮތުން ދެ ވަނަ ޑިވިޝަނުން ޓީސީ ސްޕޯޓްސް ކްލަބް ގެނެސްގެން އެ ޓީމަށް ރާއްޖޭގެ ޗެމްޕިއަން ކަމަށާއި ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށި ހޯދައިދިނުމަކީ ނިޒާމްބެގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. އަދި ޒުވާން ކުޅުންތެރިންނަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ދީގެން ކުރިއަރުވައިފަ އެވެ.
ނިޒާމްބެ ބުނީ ފުޓްބޯޅައިގައި މީގެ ކުރިން ކުރި މަސައްކަތްތަކާ މާޒިޔާގައި ކުރިމަތިލާން ޖެހޭ ޗެލެންޖް ތަފާތު ކަމަށެވެ.
"މާޒިޔާ އަކީ ޗެމްޕިއަން ޓީމެއް އަނެއްކޮޅުން މާޒިޔާގެ ޓާގެޓަކީ ނިކުންނަ ކޮންމެ މުބާރާތެއްގެ ވެސް ތަށި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަސްލު ކޯޗަކަށް އެ ޕްރެޝަރުގައި މަސައްކަތްކޮށްލަން ލިބުން. އެހެންވީމާ އަޅުގަނޑު ހަމަގައިމުވެސް މަސައްކަތްކުރާނީ މާޒިޔާއާ އެކު އާ ކަންތައްތަކެއް ހާސިލްކުރަން. މި ދެންނެވީ އަޅުގަނޑު މަސައްކަތްކުރާނަން ނިކުންނަ ކޮންމެ މުބާރާތެއްގެ ވެސް ޗެމްޕިއަންކަމާ ހަމައަށް ވާސިލްވެވޭތޯ،" ނިޒާމްބެ ބުންޏެވެ.
ވެލެންސިއާ އާއި އައި.އެފް.ސީ ގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ބުނީ މާޒިޔާ ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި ވަގުތަށް ބަލާއިރު އެ ޓީމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. އަދި މާޒިޔާގެ ތިބި ގިނަ ކުޅުންތެރިންނަކީ އޭނާއާ އެކު މަސައްކަތްކުރި ކުޅުންތެރިންނަށްވާތީ އެއީ ވެސް ފަސޭހައެއްގެ ގޮތުގައި ނިޒާމްބެ ދެކެ އެވެ.
މާޒިޔާއާ އެކު ނިޒާމްބެ ނުކުންނާނެ ފުރަތަމަ މުބާރާތަކީ އަންނަ އޮކްޓޫބަރު މަހު އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށެވެ. އެ މުބާރާތުގައި ވާދަކުރާ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މާޒިޔާގެ އިތުރުން އޮތީ ނިޒާމްބެ ކުރިން ކޯޗުކޮށްދިން ޓީސީ އާއި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ހަވާލުވެހުރި ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
ނިޒާމްބެ ބުނީ އޭއެފްސީ ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި އެ މުބާރާތުގެ ސަބަބުން ރާއްޖޭގައި ފުޓްބޯޅަ ފޯރި ނެތިދާ ކަމަށް ދެކެވޭ ވާހަކަތަކަށް ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. ރާއްޖޭން ބޭރުގެ ޓީމުތަކަކާ ދެކޮޅަށް ރާއްޖޭގެ ޓީމުތަކަކުން ރަނގަޅު ނަތީޖާތަކެއް ނެރެއްޖެނަމަ ފުޓްބޯޅަ ފޯރި އަށް ހެޔޮ އަސަރުތަކެއްކުރާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
މާޒިޔާ މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ޕްލޭއޮފްގައި ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު ކަޓުވާލުމުންނެވެ. އެ ރަނގަޅު ނަތީޖާއާ އެކު މާޒިޔާ އަށް މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަން ކުރެވިއްޖެނަމަ ވެގެންދާނީ ނިއު ރޭޑިއަންޓް ފިޔަވައި ރާއްޖޭގެ އެހެން ޓީމަކުން ގްރޫޕް ސްޓޭޖު ފަހަަނަ އަޅައި އަނެއް ބުރަށްދާ ފުރަތަމަ ފަހަރަށެވެ.
ނިޒާމްބެ ބުނީ އޭއެފްސީ ކަޕް ނިންމާލި ހިސާބުގައި ކަންތައްތައް ހުރި ގޮތުގެ ވާހަކަ މި ވަގުތު ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭނާގެ ގޭމް ޕްލޭން އާއި ފިލޯސަފީ އަށް ޓީމު ރާވަން ވީ އެންމެ އަވަހަކަށް ޕްރެކްޓިސް ފަށައިގެން ކުރިއަށް ދިއުން މުހިއްމު ކަމަށެވެ. އަދި އޭނާގެ އަމާޒަކީ އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ޓީމަކުން ނެރުނު އެންމެ ރަނގަޅު ނަތީޖާއާ ހަމައަށް ވާސިލްވުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ މީގެ ކުރިން ހޯދި ނަތީޖާތަަކަށް ވުރެން ރަނގަޅު ނަތީޖާތަކެއް އޭއެފްސީގައި ދިވެހި ޓީމަކަށް ހޯދުން. ރާއްޖޭގައި ކުޅުން އެއީ 100 ޕަސެންޓް އަޅުގަނޑުމެންނަށް އޮތް ބޮޑު އެޑްވާންޓޭޖެއް. އުއްމީދުކުރަނީ އެ އެޑްވާންޓޭޖްގެ އެންމެ ފުރިހަމަ ބޭނުން އަޅުގަނޑުމެންނަށް ހިފޭނެ ކަމަށް،" ބަންގްލަދޭޝްގައި 2017 ވަނަ އަހަރު އޮތް ޝެއިހް ކަމާލް ކަޕްގެ ތަށި ޓީސީ އަށް ހޯދައިދިން ނިޒާމްބެ ބުންޏެވެ.
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ މާޒިޔާ އިން އަބަދުވެސް ނިޒާމްބެ އަށް ފާރަލަމުންދިޔަ ކަމަށެވެ.
"ނިޒާމްބެ އަކީ މާޒިޔާގެ ވާދަވެރި ޓީމުތަކުގައި ތިބިއިރުވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެ މި ވަގުތަށް ބަލާއިރު ދިވެހިރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު. އަނެއްކާ އިންޓަނޭޝަނަލީ މުބާރާތްތަކުގައި ވެސް ގޯލްޑް ގެނެސްފައި ހުރި ކޯޗެއް. އެހެންވީމަ ނިޒާމްބެ އަށް މި އޭއެފްސީ ކަޕް ކަހަަލަ މުބާރާތަކީ އާ އެއްޗަކަށް ވެގެންނުދާނެ. އަނެއްކާ ނިޒާމްބެގެ ކެޕޭސިޓީ ހުރިކަން މާޒިޔާގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" ވައްހާބު ވިދާޅުވި އެވެ.