ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގެ ދަށުން އދ. އަތޮޅުގައި ހިންގަމުން އައި މާފުށިވަރު މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފި އެވެ.
އެ ރިސޯޓް ވިއްކާލަން ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން އެ މިނިސްޓްރީން ވަނީ އެކަން އާއްމުކޮށް އިއުލާންކޮށްފަ އެވެ. މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ރިސޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއްވާ ނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށެވެ.
މާފުށިވަރު ރިސޯޓަކީ ޕެރެޑައިޒް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރި ރިސޯޓެކެވެ. ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު ޖުލައި 2020 ގައި ރިސޯޓް އަލުން ހުޅުވީ ބޮޑު މަރާމާތެއް ކުރުމަށް ފަހު އެވެ.
އެ ރިސޯޓް އަލުން ހުޅުވަން ގެނައި ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ، އެ ރިސޯޓް ޖޫރިމަނާ ވެސް ކުރި އެވެ. އީޕީއޭއިން އެ ރިސޯޓް ޖޫރިމަނާ ކުރީ 402،500ރ. އިންނެވެ.
މާފުށިވަރުގައި ބީޗް ވިލާ އާއި ޕޫލްވިލާ ހިމެނޭހެން 81 ކޮޓަރި ހުރެ އެވެ.
އެ ރިސޯޓް ވިއްކާލަން ނިންމާފައިވާކަން އިއުލާން ކުރި ނަމަވެސް ވިއްކާލާ އަގު އަދި ހާމައެއް ނުކުރެ އެވެ.