ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިއުން ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ހުރުމުން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ޗުއްޓީ ފަސްކުރަން ފެނިވަޑަައިނުގަންނަވާ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ މުޅިން ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
ވޯޓުގެ ނަތީޖާ އިއުލާނުކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ވޯޓުގެ ނަތީޖާއިން ވެސް ފެންނަނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ރައްޔިތުންނާއެކު ތިބި މިންވަރު ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 24 ގަޑިއިރު މަސައްކަތްކުރަން ވެސް އެ ބޭފުޅުން ތިއްބެވީ ތައްޔާރަށްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޗުއްޓީ ފަސްކުރަން މިއަދު ނިންމިއިރު، މަޖިލީހުގައި މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލަކާއި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރުކުރަން ހުށަހަޅާފައިވާ ބިލް ހިމެނެ އެވެ. އަދި ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ވެސް މަޖިލީހުން އަންނަނީ ކުރަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ދައުަލަތުގެ ހަަރަދު ކުޑަކުރަން މިހާރު އަޅާ ފިޔަަވަޅުތަކާއި ގާނޫނުތަކަށް ގެންނަން މިހާރު ހުށަހަޅާފައިވާ ބަދަލު ގެނައުމުން ދައުލަތުގެ ބަޖެޓަށް ހެޔޮ އަސަރު ކުރާނެ ކަމަށެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ކުޑަކުރެވޭނީ ދެ ގޮތަކުން ކަމަށެވެ.
"އެއް ގޮތަކީ ދައުލަތުގެ ހަރަދު ކުޑަކުރުން. އަނެއް ގޮތަކީ އާމްދަނީ އިތުރުކުރުން. އެހެންވީމާ އާމްދަނީ އިތުުރުކުރަން ކުރެވޭ މަސައްކަތްތައް ތިޔަ ބޭފުޅުންނަށް ފެނިވަޑަައިގަންނަވާނެ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުން މިދަނީ އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި އަދި ރައްޔިތުންނަށް ވީހާ ވެސް އަސަރު ކުޑަވާނެ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރުކުރުން،" ޒަރީރު ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާ ފިޔަަވަޅުތައް ކަމަށް މިނިސްޓަރު އިޝާރާތް ކުރެއްވީ ޓެކްސް ނިޒާމަށް ބަދަލުތައް ގެންނަން ހުށަހަޅާފައިވާ ބިލުތަކަށެެވެ.