ރައްޔިތުންގެ މަޖިލިސް: ފިރިހެނުން ޓައީ އަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފައި. -- ފޮޓޯ | މަޖިލިސް
13 އޮކްޓޯބަރ 2025 - 14:52
ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެންބަރުން ޖަލްސާތަަކަށް ވަަޑައިގަންނަވާ އިރު، ގަމީހާ އެކު ޓައީ ނާޅުއްވައި، ކެޝުއަލްކޮށް ވަޑައިގަތުން މަނާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން އާއްމު ކޮމިޓީން ފުރަތަމަ ހުށަހެޅި ރިޕޯޓްގައި އޮތީ ޓައީ އަޅަން ލާޒިމްނުވާ ގޮތަށެވެ. ނަމަވެސް އެ ހުށަހެޅުން މިއަދުގެ ޖަލްސާގައި ފާސްކުރީ ޓައީ އަޅަން ޖެހޭ ގޮތަށް އިސްލާހަކާ އެކުގަ އެވެ.
މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނީ ހަތަރު ބާވަތެއްގެ ހެދުން އަޅައިގެން ކަމަށް ކަނޑައަޅަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ގަވައިދަށް މިއަދު އިތުރުކުރި ޖަދުވަލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފިޔަވައި އެހެން ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ތިން ބާވަތެއްގެ ހެދުމުގަ އެވެ. އެއީ:
1- ކޯޓުފަޓުލޫނާއި ޓައީ
2- ގަމީހާއި ފަޓުލޫނު އަދި ޓައީ
3- ގައުމީ ހެދުން
އެ ޖަދުވަލުގައިވާ ގޮތުން މަޖިލީހުގެ އަންހެން މެންބަރުން އާއްމުކޮށް މަޖިލީހުގެ ޖަލްސާތަަކަށް ވަޑައިގަންވަން ޖެހޭނީ ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުމެކެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވެސް އެފަދަ ހެދުމެއް ނުވަތަ ކޯޓުފަޓުލޫނު ތުރުކުރެއްވުމުގެ އިހުތިޔާރު އަންހެން މެންބަރުންނަށް އޮވެ އެވެ.
ހެދުން އެޅުމުގެ ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅެ އެވެ.
އެ މާއްދާގައި ގިނަ އަދަބުތަކެއް ހުރި އިރު އެންމެ ބޮޑު އަދަބަކަށް އޮތީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހްރޫމު ކުރުމެވެ.
އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ މި ގަވާއިދަށް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރާ، މެންބަރުން ނޫން މީހުން ވެސް އަމަލުކުރަން ޖެހޭނެ އެވެ.
މަޖިލީހުގެ މެންބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވާއިދުގައި ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓަވައިލެއްވުމުންނެވެ.
އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ކުޑޫ ފަހުން ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވައި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅުއްވަން ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިލް
14 October 2025
ހަހަހަހަ ކަމެއް ނުކުރިޔަސް އެއްޗެއް ނުވަތަ ވާނުވާ ނޭގުނަސް ޓައީ އަޅާތި
މަހީނު
14 October 2025
ޓައީ އެޅުން އޯކޭ. އެކަމު ސިވިލް ސާވިސް މީހުންނަށް މަޖުބޫރުކޮއްފަ ވަކިބަޔަކު ނާޅާއި އުޅޭގޮތަށް ހެދުން މައްސަލައަކީ
ށސ11
14 October 2025
އަންހެނުން މިތިބެނީ ގަޔަށް ބާރު އިސްލާމީ އަދަބާ ހިލާފުހެދުން ލައިގެން، ނުވަތަ ބެގީ ޖަހާފަ. މިފަދަ ކަންކަން ނުހުއްޓުވާ ފިރިހެނުން ޓައީ އަޅަން މަޖުބޫރު މިކުރަނީ އޮފީސްތަކަށް ދާއިރުގަވެސް. ހުޅަނގުގޮތްތަކަށްގޮސް ހުސްވެފަ. ބޯހަލާކު.
ތެލި
13 October 2025
ޓައީ އެޅުމަކީ މިހާރު އުވެމުންދާކަމެއް.
އެޗް އެމް
13 October 2025
ދައުރު ފެށިގެންއައިރު އުއްމީދު ކުރީ ރަސްމީ ހެދުންވެސް މުންޑު ހެދުމަށް ނޫނީ އަރަބި ހެދުމަކަށް ބަދަލުވެގެން ދާނެކަމށް. އެހެންސް ހުޅަގުގެ ކޯޓް ހެދުން މާ ސްމާޓްވީމަ އެ ބަދަލު ކޮށްލާކަށް ބޭނުމެއް ނުވާނެ.
ބޮޑުބަނޑޭރި
13 October 2025
އެ ޖަދުވަލުގައިވާ ގޮތުން މަޖިލީހުގެ އަންހެން މެންބަރުން އާއްމުކޮށް މަޖިލީހުގެ ޖަލްސާތަަކަށް ވަޑައިގަންވަން ޖެހޭނީ ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުމެކެވެ. ކީއްވެބާ މަޖިލީހުގެ ފިރިހެން މެމްބަރުންނަށް މި ފުރުސަތު ނެތީ، ފިރިހެނުންނަށްވެސް އާޢްމު އަދަބާއި ޚިލާފުނުވާ ރަސްމީ ހެދުމުގައި މަޖްލީހަށް އައުމުގެ ފުރުސަތު އޮންނަންވާނެ، ތިއީ ފިރިހެން މެމްބަރުންގެ ހައްގުތަކަށް އަރައިގަންނަނީ މަޖްލީހުން
ޑަމީ
13 October 2025
ވަރަށް އުފާކުރަން އަޅުގަނޑުމެންގެ ފައިސާއިން މުސާރަ އަމިށްލަޔަށް ކަނޑައަޅާލައިގެން، ތިހާ މުހިށްމު މަސަތްކަތް ކުރާތީ.
ރާވެރިބެ
13 October 2025
ޓައި އެޅިޔަސް އަދި އެވަރުން އެކަނި ރައްޔިތުންގެ އިހްތިރާމް ނުލިބޭނެ.
ޓިނު
13 October 2025
ތީކީއްކުރަން ޓައީއަޅައިގެން ދާންވީތަކެއް.
ކޮރަލް
13 October 2025
އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ. ތިޔަށް ވުރެ ހާޒިރީ މާ މުހިއްމު އެވެ. މަޖްލީހަށް ހާޒިރު ވަނީ ކިރިޔާ ފާސް ވާ ވަރަށް މެމްބަރުންނެވެ. ޗުއްޓި ހަދަން ދާ ތަނެކެވެ. ގިނަ މީހުން މަޖްލީހަށް ހާޒިރެއް ނުވެ އެވެ.