ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކެއްގެ ބޮޑު ބައެއް، އެއް ގައުމެއްގެ ރައްޔިތުންނަށް ގަތުމުގެ ފުރުސަތު ހަނިކުރަން، 25 ޕަސެންޓުގެ ލިމިޓެއް ކަނޑައަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ތެރެއިން ވަކި ގައުމަކަށް 25 އިންސައްތައަށްވުރެ ބޮޑުބައި ނުލިބޭ ގޮތަށް ގާނޫނީ އިންތަކެއް ކަނޑައަޅާނެ ކަމަށެވެ.
ނަމަވެސް، އެތަނުން ޕްރޮޕަޓީއެއް ގަތުމުގައި ދިވެހި ރައްޔިތުންނަށް އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
"ދިވެހިންނަށް މި ތަންތަން ގަތުމުގައި އެއްވެސް ލިމިޓެއް ނީންނާނެ. އެހެންނަމަވެސް، ބޭރު މީހުން ގަންނަކަމަށްވަންޏާ، ވަކި ގައުމަކަށް މެކްސިމަމް ލިބޭނީ 25 އިންސައްތަ. އެހެންވީމާ އެކަހަލަ ލިމިޓޭޝަންސްތަކެއް، އެކަހަލަ އިންތަކެއް އަންނާނެ ގާނޫނުގެ ތެރެއަށް،" ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގެ ޕްރޮޕަޓީތަކުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 1،000 އަކަފޫޓުގެ ޕްރޮޕަޓީއެއް ވިއްކަނީ ގާތްގަނޑަކަށް 600،000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) ކަމަށެވެ. އަދި ރާއްޖޭގެ މެދުފަންތީގެ ގިނަ ރައްޔިތުންނާއި، މެދުފަންތިން މަތީ ފަންތީގެ ގިނަ ފަރާތްތަކަކީ މިފަދަ އަގެއްގައި ޕްރޮޕަޓީ ގަތުމުގެ މާލީ ތަނަވަސްކަމާއި އާމްދަނީ ލިބޭ ފަރާތްތައް ކަމުގައި ރައީސް ވިދާޅުވި އެވެ.
އިޒްރޭލު މީހުންނަށް އެއްވެސް ފުރުސަތެއް ނެތް
މީގެ އިތުރުން، މިހާރުވެސް މި މަޝްރޫއުން ޕްރޮޕަޓީ ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުންދަނީ މުޅިންހެން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ނުވަތަ މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކުގެ ފަރާތްތަކުންކަން ރައީސް ފާހަގަކުރެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އިޒްރޭލުގެ ރައްޔިތަކަށް މިތަނުން އެއްވެސް ޕްރޮޕަޓީއެއް ހޯދުމަކީ ގާނޫނުން މުޅިން މަނާކުރެވޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން، އިޒްރޭލާ ގުޅުވައިގެން ދެކެވެމުންދަނީ އެއްވެސް އަސާސެއް ނެތް "ބޭސްލެސް" ވާހަކަތަކެއް ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރަކުން އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމި ނިންމުމާއި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދިނުމަށް ފެށި މަސައްކަތްތައް ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީވެސް ރާއްޖޭގެ އައިޑެންޓިޓީއާއި، އާދަކާދަތަކާއި، ފަހުރުވެރިވާ އަސާސްތައް ހިމާޔަތްކުރުމާއެކު އިޖްތިމާއީ ފޭރާމަށް ބަލައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުއްދި ގަބޫލުނުކުރެވޭ ދަށު ދަރަޖައިގެ ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބޭނުމަށް ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްގެން ކަންކަން ކުރިއަށްގެންދާނެކަން އެނގޭތީ ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ގާނޫނު ފޮނުވުމުން މި ހުރިހާ ރައްކާތެރިކަމުގެ އިންތައް ސާފުކޮށް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.