ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގައި އަލީ ހުސައިންގެ ފަރާތުން އެދިފައިވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކޮށް ދިނުމަށާއި އަދި އެ އިސްލާހު ސައްހަ ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުމަކީ ގާނޫނު އަސާސީގެ ސިޔާދަތާ ހިލާފް ކަމެއް ނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ ކަމަށާއި އެހެންވެ، ރިޔާސީ ނިޒާމުތަކުގައި ވެސް އެފަދަ އުސޫލުތައް އޮންނަކަން އެނގޭ ކަމަށެވެ. އަދި ދެ ނިޒާމުގެ މަސްހުނި ސިފަތައް އެކުލެވޭ ނިޒާމުތައް އޮންނަ ގައުމުތަކުގައި އެ އުސޫލު އޮންނަ ކަމަށް ވިދާޅުވި އެވެ.  

"ނާޖާއިޒް ފައިދާ ނެގުމުގެ ދޮރު ބަންދު ކުރުމަށް މިފަދަ ގާނޫނުތައް ގައުމުތަކުގައި ހެދިފައި ހުންނަކަން ފާހަގަ ކުރެވޭ." ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަނީ
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަނީ

ކުރިން ވެސް އެފަދަ ގާނޫނެއް ރާއްޖޭގައި 2017 ވަނަ އަހަރު ފާސް ކުރުމުން އެ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ޕާޓީ ބަދަލުކުރާ މެމްބަރުންގެ މަގާމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެހެން ގާނޫނެއް މިހާރު ވެސް އޮތްއިރު، އެ ގާނޫނުގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް އުފައްދާފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.   

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ އިސްލާހު ތަސްދީގު ކުރުމަށްފަހު މިހާރު ހިނގަމުންދާ މަޖިލިސްގެ މެމްބަރުންގެ މައްޗަށް އެ އިސްލާހު ހިނގާނެ އެވެ. އަދި އެ އިސްލާހު މިހާރުގެ މެމްބަރުންގެ މައްޗަށް ހިންގުމުގައި ގާނޫނާ ހިލާފް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

އެ އިސްލާހަކީ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފް އިސްލާހެއް ކަމަށް އަލީ ހުސައިންގެ ފަރާތުން ބުނެފައިވާތީ، އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ގާނޫނު އަސާސީގެ ސިޔާދަތު ރައްކާތެރި ކުރުމަށް އޮންނަ މުހިންމު ޑޮކްޓްރިންއެއް ކަމަށެވެ. ނަމަވެސް ބޭސިކް ސްޓްރަކްޗާއަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމުގެ ބަދަލުގައި އެކަން މަޖިލީހަށް ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ --- ފޮޓޯ/މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ --- ފޮޓޯ/މަޖިލިސް

ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް ފާހަގަކުރި ނަމަވެސް، ހުކުމުގައިވާ ގޮތުން އެ މައްސަލަ އެ ކޯޓަށް ބެލޭނެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނުވާތީ އެވެ. 

އެހެންވެ، އެ އިސްލާހު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމް ކުރެއްވީ ކަމަށް ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

ނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ އެ އިސްލާހު ބާތިލް ކުރަންޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ރައުޔުގައިވަނީ މެމްބަރުން މަޖިލީހަށް ހޮވަނީ މީހާއަށް ބަލައިގެން ކަމަށްވުމާއި މެމްބަރުން އިސްކުރަން ޖެހެނީ ރައްޔިތުންގެ މަސްލަހަތު ކަމަށްވާތީ އެވެ. އަދި މެމްބަރުންނަށް އިމްތިޔާޒްތަކެއް ލިބިދިން ނަމަވެސް އެ އިސްލާހު އޮތްގޮތުން ޕާޓީތަކުގެ ސިޔާސަތުތައް ހުންނަ ގޮތުން މެމްބަރުންނަށް ހުރަސްތައް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.