މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހަ މަހުގެ ފައިދާ 225 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އެމްއައިބީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ހަ މަހުން ފައިދާގެ ގޮތުގައި ލިބުނީ 183 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ 41 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

މިދިޔަ ހަ މަހު އެ ބޭންކަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 135 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އާމްދަނީގެ ގޮތުގައި ލިބުނީ، 419 މިލިއަން ރުފިޔާ އެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ބޭންކުގެ ޖުމްލަ އެސެޓް 19 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ޖުމްލަ އެސެޓް ހުރީ 16 ބިލިއަން ރުފިޔާގަ އެވެ. މިިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަނީ، އެމްއައިބީގެ ޑިޕޮސިޓަށް ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރު ނިންމާލި އިރު އެ ބޭންކްގެ ޑިޕޮސިޓް ހުރީ 13 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 16 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު އެމްއައިބީއަށް ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 35 ޕަސެންޓްގެ އިތުރުވުމެކެވެ.