ޗައިނާއާ ހަމަހަމައަށް ވާދަކޮށްލެވޭ ވަރުގެ ޓީމަކަށް ރާއްޖެ ހެދުމަށް އަދި އިތުރު އަހަރުތަކެއް ބޭނުންވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި  ޗައިނާގައި ރާއްޖޭން ކުޅޭ މެޗުގެ ކުރިން، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗައިނާގެ ނޫސްވެރިން ވަނީ މީގެ 25 އަހަރު ކުރިން ރާއްޖެ އާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތްކޮށް އުރްބާނީއާ ސުވާލުކޮށްފަ އެވެ. 

ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިންގައި މާލޭގެ ގަލޮޅު ދަނޑުގައި ރާއްޖޭން ވަނީ ޗައިނާއާ ދެކޮޅަށް ވަރުގަދަ މެޗެއް ކުޅެފަ އެވެ. އެ މެޗުން ޗައިނާ މޮޅުވީ 1-0 ންނެވެ. 

އެ މެޗަށް އިޝާރާތްކޮށް، ޗައިނާގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން އުރްބާނީ ބުނީ އެއީ މިހާރު ތާރީހާއި އެކުވެފައިވާ މާޒީ ކަމަށެވެ. އެއީ މުޅިން ތަފާތު ވާހަކައެއް ކަމަށް އޭނާ ބުންޏެވެ. 

"އަހަރެމެން ގަބޫލުކުރަނީ މިވަގުތު ވެސް އަހަރެމެންނަކީ ޗައިނާއާ އެއް ފެންވަރެއްގެ ޓީމެއް ނޫންކަމަށް. އަހަރެމެން މި މުބާރާތަށް [މެޗަށް] އައީ ތިން އަމާޒެއްގައި: ފުރަތަމަކަމަކީ ތަޖުރިބާ ހޯދުން. ދެވަނަކަމަކީ ދަސްކުރުން. އަދި ތިންވަނަކަމަކީ ވާދަކޮށް ކުޅުން،" އުރްބާނީ ވާހަކަ ދެއްކި އެވެ. 

"ކުރިން އެ ބުނި 25 އަހަރު ކުރީގެ މެޗަކީ، އަހަރެން ދެކެނީ އެއީ މާޒީ ކަމަށް. މީގެ 25 އަހަރު ކުރިން އަހަރެމެން (ދެ ޓީމު ބައްދަލު ކުރި) ވާހަކަ ބުނި ކަމުގައިވިޔަސް އެއީ މުޅިން އެހެން ވާހަކައެއް."

އުރްބާނީ ބުނީ އޭނާ އަށް މުހިންމީ ކުރިމަގުގައި ޗައިނާއާ ދެކޮޅަށް ރާއްޖޭން ކުޅޭނެ ގޮތް ކަމަށެވެ. ކުޅުންތެރިންގެ ޖިސްމާނީ ވަރުގަދަ ކަމާއި ހަލުވި މިނަށް ބެލިޔަސް ޗައިނާގެ ޓީމު އޮތީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ވުރެ ފެންވަރުގެ ގޮތުން މާބޮޑަށް ވެސް މަތީގައިކަން އޭނާ ފާހަގަ ކުރި އެވެ.

"ނަމަވެސް އަހަރެމެން ބޮޑަށް ސަމާލުކަން ދޭނީ އަހަރެމެންގެ އަމިއްލަ ޓީމަށް؛ މެޗުގައި ފުރުސަތުތައް ތަނަވަސް ކުރާނެ ގޮތާއި މުހިންމު ވަގުތުތަކުގެ ބޭނުން ހިފާނީ ކިހިނެއްކަމާ އަދި ތަފާތު އުނދަގޫ ހާލަތްތަކުން ސަލާމަތްވާނީ ކިހިނެއްކަން ދެނެގަތުން،" އުރްބާނީ ބުންޏެވެ.

އޭނާ ބުނީ ޗައިނާ ޓީމު، ކިތަންމެ ވަރުގަދަވި ނަމަވެސް ދިވެހި ކުޅުންތެރިން ޖެހިލުން ނުވެ މެޗު ކުޅޭނެ ކަމަށެވެ.

"ބުނެލަން އޮތީ އަހަރެމެން އެއްވެސް ވަރަކަށް ޖެހިލުމެއް ނުވަމޭ. ދުރު މުސްތަގްބަލުގެ ކުރިއެރުންތަކެއް އަދިވެސް އަހަރެމެންނަށް ބޭނުންވި ކަމުގައިވިޔަސް. މާދަމާގެ މެޗުގައި އަހަރެމެންގެ ތަޖުރިބާ ހޯދަން މަސައްކަތް ކުރާނަން،" އުރްބާނީ ބުންޏެވެ. 


"... ޗައިނާގެ ޓީމާ ހަގީގަތުގައި ވާދަކުރެވޭނެ ފެންވަރަށް ދާން އިތުރު އެތައް އަހަރެއްގެ މަސައްކަތް ބޭނުންވާނެ ކަމަށް އަހަރެން ދެކެނީ. ނަމަވެސް އަހަރެމެން ނުކުންނާނީ އަހަރެމެންގެ ހުރި ފެންވަރަކާ އެކު ބުރަކޮށް މަސައްކަތް ކުރަން.

"ކުޅުންތެރިންގެ ގާތުގައި ވެސް ބުނިން ކޮންމެ ކުޅުންތެރިޔަކު ވެސް އިތުރަށް ހިތްވަރުލައިގެން މަސައްކަތްކޮށް ނުވަތަ ލިމިޓްތައް ފަހަނައަޅައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭ. އެހެން ނޫންނަމަ އަހަރެމެން ދާނީ ފަހަތަށް. މާދަމާގެ [މިއަދު] މެޗުގައިވެސް އަހަރެމެން ހިފަހައްޓާނީ ހަމަ މި ވިސްނުން،" އުރްބާނީ ބުންޏެވެ. 

 ޗައިނާގެ ޗޮންގްކިންގައި ހުންނަ ލޮންގްޝިންގް ފުޓްބޯލް ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭން ގަޑިން ހަވީރު 4:35 ގަ އެވެ. ޕީއެސްއެމްގެ ޔެސް ޓީވީން މެޗު ވަގުތުން ދައްކާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.