ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ޗައިނާއިން 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފި އެވެ.

އެ ގައުމުގެ ޗޮންގްޗިންގް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ބޯޅަ ކޮށްގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް، ރާއްޖޭގެ ޑިފެންސް ފާރު ފައްޓައިލެވޭ ގޮތެއް އެ ހާފުގައި ނުވި އެވެ. 

ދެވަނަ ހާފުގައި ކުޅެން ނުކުމެ، ޗައިނާގެ ވަންގް ޒިމިންގް ވަނީ 13 މިނެޓު ތެރޭގައި ހެޓްރިކް ހެދި އެވެ. އެއީ އޮކްޓޫބަރު 2019 ގެ ފަހުން ޗައިނާގެ ގައުމީ ޓީމުގައި ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ.

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ޗައިނާގެ 23 އަހަރުންދަށުގެ ގައުމީ ޓީމު ވާދަކުރާތީ، މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑްގައި ސީނިއާ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ. 

އެތަން ފޫބެއްދުމަށް ޗައިނާގެ ކޯޗު ޝާއޯ ޖިއާޔީ ވަނީ، ސީނިއާ ގައުމީ ޓީމުން މުޅިން އަލަށް ނުވަ ކުޅުންތެރިޔަކަށް ފުރުސަތު ދީފަ އެވެ. 

މެޗަށް ނުކުތުމުގެ ކުރިން ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ބުނީ އެ މެޗު ރާއްޖޭން ބޭނުން ކުރާނީ ކަންކަން ދަސްކޮށް ތަޖުރިބާ ހޯދުމަށެވެ. 

މެޗުގެ ބައެއް ވަގުތުތަކުގައި ރާއްޖޭން ވެސް މަދު ވަގުތުކޮޅަށްކަށް ނަމަވެސް މެދުނުކެނޑި ޕާސްތަކެއް ކުރި އެވެ. 

ރާއްޖެއަށް ކުރިއަށް އޮތީ ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ މެޗު ވެސް ކުޅޭނީ ކިރިގިސްތާނުގަ އެވެ. ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ. ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.