ޕެރިސް (އޮކްޓޯބަރު 25) - ޕީއެސްޖީގެ ކޯޗު އުނައި އެމެރީއާ މައްސަލަ ޖެހިފައިވާ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވުމާ އެކު ބޮޑެތި ކްލަބްތައް އެލާޓަށް އަތުވެއްޖެ އެވެ.
ފްރެންޗް ލީގުގައި އާދީއްތަ ދުވަހު މާސޭއާ ލަނޑެއް ނުޖެހި ޕީއެސްޖީ އެއްވަރުވި މެޗުގައި ވެރާޓީ ބޭލުމާ އެކު އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ފަހުން ވެރާޓީ ވަނީ ކޯޗު ބޭނުން ނަމަ ކްލަބް ދޫކޮށްލަފާނެ ކަމަށް ބުނެފަ އެވެ.
އޭނާ ގެންދަން އިޓަލީގެ ޔުވެންޓަސްގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އިން ވަރަށް ބޮޑަށް ބޭނުންވެ އެވެ. ޔޫރަޕުގެ ނޫސްތަކުން ބުނާ ގޮތުގައި ދެ ކްލަބުން އަންނަނީ ވެރާޓީގެ ހާލަތު ވަރަށް ކައިރިން ބަލަމުންނެވެ.
ޕީއެސްޖީގެ ކޯޗު އެމެރީ ބުނީ ވެރާޓީ ހިތްހަމަނުޖެހުނީ އޭނާ ބަދަލުކުރުމުން ކަމަށާއި ކުޅުންތެރިޔާ ރުހުނަސް ނުރުނަސް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ބަދަލުކުރާނެ ކަމަށެވެ.
އިޓަލީ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔާ ވެރާޓީ އަކީ މި ވަގުތު ޔޫރަޕުގައި ކުޅޭ އެންމެ އުއްމީދީ އެއް ޕްލޭމޭކަރެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް 2012 ވަނަ އަހަރު ބަދަލުވީ އިޓަލީގެ ޕެސްކާރާ އިންނެވެ.
ޕީއެސްޖީގެ އިތުބާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ކްލަބް ދޫކޮށްގޮސްފައިވާއިރު އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާ ވެސް ވަނީ ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.