ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ބަރްބޯސާ އަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ މާޒިޔާ އަތުން 3-2 އިން ނިއު މޮޅުވި މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ސުޒޭރު ދިން ހަމަލާ އިން ލޫސިއާނޯގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެންދިޔަ އެވެ. ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށާއި އެކަމަކު މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހެޅީ ނިއު އިންނެވެ.

އެ މެޗަށް ފަހު ނިއު އިން ނެރުނު ބަޔާނުގައި ވަނީ ސުޒޭރާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެކަށީގެންވާ ޑިސިޕްލިނަރީ އަދަބެއް ދޭން ގޮވާލައިފަ އެވެ.

“މިފަދަ އަމަލުތަކަކީ ކުޅިވަރުގެ ނަޒާހަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، އަދި އަސާސީ މިންގަނޑުތަކަށް ސީދާ ހުރަސްއަޅާ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.

އެ މެޗުގެ ދެ ވަނަ ހާފުގެ މެދުތެރެއިން ދެ ކުޅުންތެރިއެއްގެ މެދުގައި އުފެދުނު ހަމަނުޖެހުން މާރާމާރީއަކަށް ބަދަލުވީ، ދެ ޓީމުގެ އެހެން ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ހުއްޓުވަން އުޅުމުގެ ތެރޭގައި އިތުރަށް މައްސަލަ ގޯސްވެގެންނެވެ.

ރެފްރީ ވަނީ ސުޒޭރަށާއި، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އަދި ނިއުގެ އިބްރާހީމް މައިސާން އަށް ރަތްކާޑު ދައްކައިފަ އެވެ.