މިއަދު ބޭއްވި ތިން އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ގިނަ ދާއިރާތައް ކާމިޔާބުވެ، ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިންތިހާބެވެ.
އެ އިންތިހާބު ވޯޓު މިހާރު ގުނަމުން އަންނައިރު ގިނަ ރަށްރަށާއި ސިޓީތަކުގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީގެ މެމްބަރުން ވަނީ ދިފާއު ކުރައްވައިފަ އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް މިހާތަނަށް ގިނަ ބަޔަކު ވޯޓު ދިނީ ނުފެން ކަމަށެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ވަނީ ބޮޑުތަނުން ސަރުކާރު ބަލިކޮށްފައި ކަމަށެވެ.
"ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި،" ނަޝީދު ވިދާޅުވި އެވެ.
މިހާރު ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން، މާލެ، ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ލިބިފަ އެވެ. އެ ބޭފުޅުން ވަނީ ބޮޑު ތަފާތަކުން ގޮނޑި ކަށަވަރުކުރައްވައިފަ އެވެ.
އެންމެ ވާދަވެރިކޮށް ނަތީޖާ އުޅޭ ތިނަދޫ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ސައުދު އަލީ އަދި ޕީއެންސީން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ނަތީޖާގައި މާ ބޮޑު ތަފާތެއް ނެތެވެ.
މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.
ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ މޭޔަރުގެ ގޮނޑި ވަނީ އެމްޑީޕީއަށް ކަށަވަރުވެފަ އެވެ.
އޭގެ އިތުރުން ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑި އާއި މެމްބަރުންގެ އިތުރުން ޑަބްލިޔުޑީސީގެ ގޮނޑިތައް ވެސް އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފަ އެވެ.