ކުޑަ ތަފާތަކުން ފުވައްމުލަކު ސިޓީ ކައުންސިލް އެއް ގޮނޑީގެ ނަތީޖާގައި ޕީއެންސީ ކުރި ހޯދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުވައްމުލަކު މޭޔަރު ކަމާއި އެ ސިޓީގެ އަށް ދާއިރާގެ ތެރެއިން ހަތް ދާއިރާއަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އެމްޑީޕީއަށް ގެއްލުނީ، އެ ޕާޓީން ވާދަނުކުރާ ދަޑިމަގު ދާއިރާގެ ގޮނޑި އެކަންޏެވެ. އެންމެ ފުރަތަމަ ލިބުނު ވަގުތީ ނަތީޖާއިން ދެއްކީ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބުނު ކަމަށެވެ.
ނަމަވެސް، އެހެން ރަށްރަށުގައި ހުރި ވޯޓުފޮށިތައް ގުނުމުން މިހާތަނަށް އިއުލާންކުރި ނަތީޖާ ދައްކާ ގޮތުން، ދަޑިމަގު ދާއިރާގެ ގޮނޑީގައި މިހާރު ކުރީގައި އުޅެނީ އެ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރު އައިޝަތު އަބްދުލް ގާދިރެވެ. އެއީ ދެ ވޯޓުގެ ތަފާތަކުންނެވެ.
އެހެން ނަމަވެސް އެ ދާއިރާގެ އިތުރު ފޮށިތަކެއްގެ ނަތީޖާ މިހާތަނަށް ނުލިބޭތީ، އެ ނަތީޖާއަށް ބަދަލު އައުން އެކަށީގެންވެ އެވެ.
އޭގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ލިބުނުއިރު، ޕީއެންސީ އަށާއި އަމިއްލަ ކެންޑިޑޭޓަކަށް ވަނީ އެއް ގޮނޑި ކާމިޔާބުވެފަ އެވެ.
މިހާރު ހިނގަމުންދާ ފުވައްމުލަކު ކައުންސިލްގައި ތިބީ ޕީއެންސީގެ ދެ މެމްބަރުންނެވެ.
އެޑިޓަރުގެ ނޯޓް: ފުރަތަމަ ޝާއިއުކުރި ހަބަރުގައި ފުވައްމުލަކު ކައުންސިލުން ޕީއެންސީއަށް އެއް ގޮނޑި ލިބުނު ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އަދި އެކަމަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.