ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އެ ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަން ކުޑަކުރަން އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަސައްކަތް ފަށްޓަވައިފި އެވެ.

އެެމްޑީޕީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ފުރަތަމަ އެކުލަވާލިއިރު ނަޝީދު ވާހަކަ ދައްކަވާ ގޮތަށް އޮތް ނަމަވެސް ފަހުން ވަނީ އެޖެންޑާ ބަދަލުކޮށް، އެ އައިޓަމް އުނިކޮށްފަ އެވެ. އެއާ އެކު އެމަނިކުފާނަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުނ ޖަލްސާ ބޮއިކޮޓް ކުރިއިރު ނަޝީދު ވެސް ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ. 

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރީ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި އަދި އާއްމު މެންބަރުން އެދެނީ ޕާޓީ ބައިބައި ނުވެ ކުރިއަށް ދިއުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ދެ ރައީސުން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަކީ މެމްބަރުންނާއި ޕާޓީއަށް ތާއީދުކޮށް ވޯޓުދިން މީހުން ޕާޓީއަށް އިތުބާރުކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްފަހަރު ބައިބައިވެ ބޮނޑި ބޮވިއްޖެ، ދެން އެ ތަކުރާރު ނުކުރަމާތޯ" މެސެޖް ނިންމަވާލައްވަމުން ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގައިވާ ގޮތުން ކާނިވަލުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގެ އެޖެންޑާ ފުރަތަަމަ އެކުލަވާލިއިރު އޮތީ ނަޝީދު ވެސް ވާހަކަ ދައްކަވާ ގޮތަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރިއިރު، އޮތީ އޭގެ ބަދަލުގައި މޭޔަރަކު ވާހަކަ ދައްކަވާ ގޮތަށެވެ. 

ނަޝީދާ މެދު އަމަލުކުރި ގޮތުން އެކަމާ ހިތްހަމަ ނުޖެހި މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށް ބައެއް އެކްޓިސްޓުން ސޯޝަލް މީޑިއާގައި ބުނަމުން ދާއިރު، ޖަލްސާގައި ނަޝީދު ވަޑައިގެން ނެތުމުން އެ މަނިކުފާނަށް ހާއްސަކުރި ގޮނޑި ހުރީ ހުހަށެވެ.

އެމްޑީޕީގެ ލީޑާޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު 2023 ވަނަ އަހަރު އެ ޕާޓީ ދޫކުރައްވައި، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި އެވެ. ނަމަވެސް މިދިޔަ އަހަރު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

އޭގެފަހުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ކެމްޕެއިން ކޮށްދެއްވުމަށް ބައެއް ސިޓީތަކަށާއި ރަށްރަށަށް ނަޝީދު ވަޑައިގަތެވެ.