ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައިވާ މި ދަނޑިވަޅުގައި ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ އެއް އެޑްވައިޒަރުގެ ގޮތުގައި ވެސް ހުންނެވި ނަޝީދު އެ ގޮތަށް ގޮވާލެއްވި ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިސްލާހު ކުރައްވާނެ ކަމަށެވެ.
ގިނަ މިނިސްޓަރުންގެ އިސްތިއުފާއާ ގުޅޭ ބަހުސް ގަދަވެފައިވާ މި ދަނޑިވަޅާ ދިމާކޮށް ނަޝީދު އެކްސްގައި ވިދާޅުވީ، ކެބިނެޓުގެ މައްޗަށް ރައީސްގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، "ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިއްޖެ" އެވެ. އަދި މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާ ވަގުތެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
"ވީމާ ބޭނުންޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން، އިންސާފުވެރި އިންތިހާބެއް ރާވައި، ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަން،" ކުރީގެ ރައީސް ނަޝީދުގެ ޕޯސްޓުގައި ވެ އެވެ.
މި ސަރުކާރުގެ ކެބިނެޓުގެ 10 މިނިސްޓަރެއްގެ އިސްތިއުފާއާ އެކު، އިންތިގާލީ ސަރުކާރެއް އެކުލަވައިލަން ނަޝީދު ގޮވާލެއްވިއިރު، އެ މަނިކުފާނުގެ ވެރިކަމުގައި މުޅި ކެބިނެޓް އެއްކޮށް އެއް ދުވަހެއްގައި އިސްތިއުފާ ދެއްވި އެވެ.