ދިވެހިންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް ހޯދަން މަގުތައް މައްޗަށް އެންމެ ގިނަ ލޭ އޮހޮރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގައިކޮޅުން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކެމްޕެއިން ކުރައްވަން "ބޮޑު ބަދަލު" ގެ ނަމުގައި އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ "ރައީސުލް ޖުމްހޫރިއްޔާ"އަކަށް ވާން އުޅުއްވާ ކަމަށް އެ މަނިކުފާނު ވިދާޅުނުވާ ކަމަށެވެ. އެއީ އެމްޑީޕީ ބާރަށް ހިންގުން އެ އަށް ވުރެ މާ މުހިއްމުވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

"މި މުއައްސަސާ [އެމްޑީޕީ] ބާރަށް ހިންގުން މާ މުހިއްމު، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ގައިގައި ހުރި ލެއަކީ ރީނދޫ ލޭ، މިއަދު ކަނޑާލިޔަސް، އަޅުގަނޑު ގަޔަށް ވުރެ ގިނައިން، އަޅުގަނޑު ގައިންނަށް ވުރެ އިތުރަށް މި ރާއްޖޭގެ މަގުތައް މައްޗަށް ލޭ އޮހޮރުވިފައެއް ނުވާނެ. އެ ލޭގެ ބަދަލަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން،" ނަޝީދު ވިދާޅުވި އެވެ. 

ބެލެވޭ ގޮތުގައި އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ލީޑަރަކަށް މިހާތަނަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާ ކަމަށްވާ ބޮމުގެ ހަމަލާ އަށެވެ. 

މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް މި އަހަރު ފަސް އަހަރު ވާނެ އެވެ.

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނާއި ޓީމުގެ އިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނާއި ޓީމުގެ އިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތްޕުޅުގައި ވާދަކުރައްވަނީ އެ ޕާޓީގެ ވެރިންނާ ނޫން ކަމަށާއި އެކަމުގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ. 

"އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ، އަޅުގަނޑު ވާދަކުރަނީ އެމްޑީޕީގެ ވެރިންނަކާ ނޫން. އަޅުގަނޑަކަށް ނުވިސްނޭ މީގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.
އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ އެެއްޗެއް އެމްޑީޕީއާ ހިއްސާ ކުރައްވައިގެން ނޫނީ މިހާރުގެ ސަރުކާރު ބަދަލުކުރަން ވަރަށް އުނދގޫވާނެ އެވެ.

އެމްޑީޕީއަކީ ހަމަ އެކަނި އެ ޕާޓީގެ މެންބަރުންގެ ޕާޓީއަކަށް ވުމުގެ ބަދަލުގައި މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެނަށް ވޯޓުދޭ ބައިވަރު މީހުންތަކެއް އެބަ ތިބެއޭ. ޕާޓީގެ މެންބަރުންގެ އަދަދަށް ވުރެ މާ ގިނަ، ޕާޓީގެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓު،" ނަޝީދު ވިދާޅުވި އެވެ. 

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް ސަޕޯޓަރުން.
އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަންގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް ސަޕޯޓަރުން.

އެގޮތަށް ވޯޓުދޭ ރައްޔިތުން އެ ބުނަނީ ކީކޭތޯ ބަލަން ޖެހޭ ކަމަށާއި އެ މީހުންނާ ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެމްޑީޕީއަކީ މި ސަަރަހައްދުގައި ވެސް ވަރުގަދަ ޕާޓީއަކަށް ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ ޖޫން 12 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ނަޝީދާ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.