ގޯސްކޮށް ކަންތައްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރައްވާތީ، އެކަމާ ޕާޓީގެ އާންމު މެންބަރުންގެ އަރިހުން މާފަށް އެދޭ ކަމަށާއި ނަމަވެސް، އާންމު މެންބަރުން އެމަނިކުފާނުގެ އަރިހުން މާފަށް އެދެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް ދިޔުމާ ގުޅޭ ގޮތުން ހއ. މުރައިދޫގައި އެމްޑީޕީގެ މެންބަރަކު ކުރިމަތިކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށް ކުރައްވާ ކެމްޕޭނުގައި ރ. ދުވާފަރަށް ވަޑައިގަތުމުން މީގެ ކުރިން ނަޝީދަށް އެފަދަ ސުވާލުތަކެއް އަމާޒުވުމުން ވެސް އެމަނިކުފާނު އާންމު މެންބަރުންގެ އަރިހުން މާފަށް އެދިވަޑައިގަތެވެ.
އެ ދުވަހު ވިދާޅުވީ އާންމު މެންބަރުން ވެސް އެ މަނިކުފާނުގެ އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. ނަމަވެސް، މިއަދު ނަޝީދު ވަނީ އެ ވާހަކަ އެހެން ގޮތަކަށް ވިދާޅުވެ، އެއީ އެ މާނައިގައި ދެންނެވި އެއްޗެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑެއް ނުބުނާނެ އެކަހަލަ ވާހަކައެއް. އާންމު މެންބަރުން އަޅުގަނޑަށް މާފަށް އެދޭކަށް ނުޖެހޭނެ. އެއްވެސް ޖަމާއަތެއްގެ އާންމު އެންމެން ވަކި ފަރެދެއްގެ ކިބައިން މާފަށް އެދުމަކީ ވަރަށް ހުތުރު ވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.
"އެ ވާހަކަ އެ ބާވަތުގެ ގޮތަކަށް މާނަ ކުރެވުނު ނަމަވެސް، އަޅުގަނޑެއް އެ މާނައެއްގައެއް ނޫން އެ ވާހަކަ އެ ބުނަނީ."
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށެވެ. ތަބިއްޔަތުގައި ކޮންމެ މީހަކު ވެސް ރުންކުރު ގޮތެއް ހުންނާނެ ކަމަށާއި އެހެންވެ، އެކަހަލަ ކަންކަން ދިމާވަނީ ކަމަށެވެ. ނަމަވެސް، ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އާންމު މެންބަރުން ވެސް އެމަނިކުފާނު އަރިހުން މާފަށް އެދެންޖެހޭ ކަމަށް ދުވާފަރުގައި ނަޝީދު ވިދާޅުވުމާ އެކު، އެކަން ވަރަށް ހޫނުވި އެވެ. އާންމު މެންބަރުން ހިމެނޭހެން ވާދަވެރި ކެމްޕެއިން ޓީމުން ވެސް އެކަމަށް ރައްދުދިނެވެ.
ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ނަޝީދު ނޫނީ ނުވަތަ މީހެއްގެ ކިބައިން ވެސް އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ބޭފުޅުން އެ ބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް ވާދަކުރިއިރު، ދެ ވަނަ ބުރުގައި ވެސް އެ ޕާޓީގެ ތާއީދު އިބޫއަކަށް ނުދިނެވެ.
އިބޫގެ ވެރިކަން ނިމުނު ފަހުން ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދާއި އިބޫ އެކުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ދެ ބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުން އަދިވެސް އެބަ އޮތެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވެސް އިބޫ ތާއީދު ކުރައްވަނީ ނަޝީދާ ވާދަވެރި ކެންޑިޑޭޓް މީކާއިލަށެވެ.