އައްޑޫ ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.
ލޯނެއްގެ މައްސަލާގައި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، ބާއްވާ އެ ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށި ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި އެ ސްކޫލްގައި ބަހައްޓާފައި ވެ އެވެ. މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލާނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ.
އީސީން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ހިތަދޫ އުތުރު ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،120 މީހަކަށް ލިބެ އެވެ.
ދެ ކެންޑިޑޭޓުން ކަމަށްވާ ސޯބެ އާއި ސައީދުގެ ކެމްޕެއިން ފަހުން ވަރަށް ބޮޑަށް ފޯރިގަދަވެ، ވަރަށް ވާދަވެރި ކެމްޕެއިނަކަށް ބަދަލުވި އެވެ. ސައީދަށް ތާއީދު ހޯދުމުގެ ގޮތުން ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މާލެ އަށް އައްޑު އަށް ވަޑައިގެން ވަނީ ކެމްޕެއިން ޖަލްސާ އާއި "ދޮރުންދޮރަށް" ހަރަކާތް ހިންގަވައިފަ އެވެ. އަދި މި އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީން ކަނޑައެޅި އިސްވެރިން މިހާރު ވެސް ތިއްބެވީ އައްޑޫގަ އެވެ.
ސޯބެގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕް އެއްކޮށް އައްޑު އަށް ވަޑައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. އަދި ބައެއް ބޭފުޅުން "ދޮރުންދޮރަށް" ހިންގެވި އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސިނާންގެ މެމްބަރުކަން ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން، އޮކްޓޯބަރު 2024ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި، މި އިންތިހާބު އިންތިހާބުގައި ސިނާން ވާދަނުކުރައްވަން ނިންމެވީ އާއިލާ އަށް ވަގުތު ދެއްވުމުގެ ބޭނުމުގަ އެވެ. އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް، ސިނާން ވަނީ އޭނާގެ ޓިކެޓު ސައީދަށް ދޫކޮށްލައްވާފަ އެވެ.
ޕީއެންސީން ބުނެފައި ވަނީ މި ބައި އިލެކްޝަން ކާމިޔާބުކޮށް ގޮނޑި ދިފާއު ކުރުމަކީ މިވަގުތު ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ އެކި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެމްބަރުން އެކި ފަހަރުގެ މަތިން އައްޑު އަށް ވަޑައިގެން ހިތަދޫ އުތުރު ދާއިރާގެ ގެތަކަށް ދޮރުންދޮރަށްގެ ހަރަކާތް ހިންގެވި އެވެ.