ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް)ގެ ކޭސްތަކުގެ އަދަދު 121 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އަދި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށް ކަމަށް ވެސް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވެ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2022 ގައި ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައި، ޑރ. ފައިސަލް ވިދާޅުވީ އެ އަހަރު ވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށުމުން މިހާރު ވަނީ އެ ބަލިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން ދޭން ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދެނީ:
- އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ)
- ހުޅުމާލެ ހޮސްޕިޓަލް
- ސެނެހިޔާ
- ވިލިމާލެ ހޮސްޕިޓަލް
ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އޭގެފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި މި ބަލި އިތުރުވާން ފެށުމުންނެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވަމުން ދާތީ އެޗްޕީއޭ އިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ.