12 ނޮވެމްބަރ 2023 - 10:04
މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ބިދޭސީ ދެ ކުޅުންތެރިޔަކު ގަލޮޅު ދަނޑުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރީ، މުސާރަ ނުދީގެން އެ ފައިސާކޮޅު ހޯދަން އާދޭސްކޮށްކޮށް ވެސް ނުލިބުމުންނެވެ. އެ ހަޅުތާލަށް އެ ކުޅުންތެރިން ނުކުތީ އެފްއޭއެމްގެ ވެރިންނާ ހަމައަށް މައްސަލަ ގެންގޮސްގެން ވެސް އެއަށް އިޖާބައެއް ނުލިބުމުންނެވެ.
މިއީ އަދި އެންމެ މައްސަލައެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމާ ގުޅުން ހުރި، ފައިސާގެ ނުދިނުމުގެ ގިނަ މައްސަލަތަކެއް އޮތީ ފެންމަތިވެފަ އެވެ. މިހާތަނަށް 10 މައްސަލައެއް ބަލައި ކޯޓުން ހުކުމްތަކެއް ވެސް ކޮށްފި އެވެ. އަދިވެސް އިތުރު ގިނަ މައްސަލަތަކެއް ޝަރުއީ މަރުހާލާގެ ތެރޭގައި އެބައޮތެވެ. އަދި އިތުރު މައްސަލަތަކެއް ކޯޓަށް ވަންނާން ވެސް އެބައޮތެވެ.
އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވީ، ފައިސާ ނުދިނުމުގެ މައްސަލަތަކުގައި 20 ވުރެ ގިނަ ކޯޓް ކޭސް އެފްއޭއެމްއާ ދެކޮޅަށް ޝަރުއީ މަރުހަލާގައި އޮތްކަން އޭނާ އެނގިފައިވާ ކަމަށެވެ.
ބޮޑު އަނދަވަޅަކަށް އެފްއޭއެމާއި ފުޓްބޯޅަ ވެއްޓެން ޖެހުނީ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވިދާޅުވި ގޮތުން ފައިސާގެ މައްސަލަތަކާ ހެދި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އެފްއޭއެމް މިއަދު ވެއްޓިގެން އުޅޭ އަނދަވަޅުގެ ސަބަބަކީ އެއީ. އެފްއޭއެމުން ކްލަބްތަކަށް އެހާ ގިނަ (ފައިސާ) ދޭން ޖެހުން. މިދައްކަނީ ކޮންމެ ކްލަބަކަށް ތިން މިލިއަން. ތިން މިލިއަން ޓައިމްސް އެއިޓް. (އަހަރަކު) ޓޯޓަލް 24 މިލިއަން. އަދި އަޅުގަނޑަށް ހީވަނީ ސެކަންޑް ޑިވިޝަން ކްލަބްތަކަށް ވެސް ދޭހެން،" މަހްލޫފް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވީ، އެފްއޭއެމް އަޑިއަޅާލަން ފެށި ހިސާބަކީ ކުލަބުތަކަށް ސަރުކާރުން ދެމުން އައި ފައިސާ ހުއްޓާލަން ޖެހުނު ހިސާބު ކަމަށެވެ.
މުސާރަ ނުދީގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރި ދެ ކުޅުންތެރިން ކަމަށްވާ އީވާން ވެރަސް އާއި މިލޯސް ކޮވަސިޗް ގަލޮޅުދަނޑުގައި އެ ހަޅުތާލު ކުރިއަށް ދަނީ --- ފައިލް ފޮޓޯ: މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބަށް ކޮންމެ އަހަރަކު ދެމުން ގެންދިޔަ ތިން މިލިއަން ރުފިޔާ (ފުރަތަމަ ޑިވިޝަނަށް އެކަނި އަހަރަކު 24 މިލިއަން ރުފިޔާ) މިހާރު ނިމެމުން މިދާ ސަރުކާރުން، ވެރިކަމާ ހަވާލުވެ އެ ފައިސާ ދިނުން ހުއްޓާލި އެވެ. ބައްސާމް ވިދާޅުވި ގޮތުގައި އެ ފައިސާ ސީދާ އެފްއޭއެމުން ދޭން ޖެހުމުން އެފްއޭއެމް މާލީ މައްސަލަތަކުގެ ތެރެއަށް ވެއްޓުނީ އެވެ.
އެކަމަކު އެފްއޭއެމްގައި ކުރިން އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ، ކްލަބްތަކަށް އެ ފައިސާ ދޭން ޖެހުމުން އެފްއޭއެމްގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ދާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"ކްލަބްތަކަށް ފައިސާ ދޭން ޖެހުމުން ޓެކްނިކަލީ އެފްއޭއެމް އަޑިއަޅާލައިގެން ނުވާނެ. އެއީ ބައްސާމް ވިދާޅުވި ނޫންތޯ އަރަބި ގައުމުތަކުން ލިބޭ ފައިސާއިންނޭ ކްލަބްތަކަށް ދެނީ. އެހެންވީއިރު ކީއްވެހޭ އެފްއޭއެމްގެ ހުރިހާ ކަމެއް ބޮއްސުންލާން ޖެހުނީ. ކީއްވެހޭ މުވައްޒަފުންނަށް އަށް މަސް ވީ އިރު ވެސް މުސާރަ ނުދީ އޮތީ. ކީއްވެހެއްޔޭ އެއްވެސް ތަނަކުން އެފްއޭއެމް އަށް ކްރެޑިޓް ނުލިބެނީ. އަމިއްލަ މީސްމީހުންނަށް ވެސް އެފްއޭއެމް އޮތީ ދަރާފައި. ރަށްރަށުގެ ސައި ހޮޓާތަކަށް ދަރާފައި. މާލޭގެ ހޮޓާތަކަށް ދަރާފައި،" ކުރިން އެފްއޭއެމްގައި މަސައްކަތް ކުރެއްވި ސީނިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ތިން މިލިއަން ރުފިޔާ އެފްއޭއެމުން ދޭން ބައްސާމް ނިންމެވީ، އެ އެސޯސިއޭޝަނާ ގާތް ގުޅުން އޮންނަ އަރަބި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ލިބޭ އެހީ އަށް ބަރޯސާ ވެގެންނެވެ. ބައެއް ކުލަބުތަކަށް ގަވާއިދުން އެ ފައިސާ ނުލިބޭކަމަށް "މެދު ސޮފްހާ" އަށް މައުލޫމާތު ހިއްސާ ކުރި ކްލަބްތަކުގެ އޮފިޝަލުން ބުންޏެވެ.
އެފްއޭއެމް ކޮންގްރެސްގައި ބައިވެރިވި ބައެއް ކްލަބްތަކުން ވޯޓް ދެނީ: ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ނުދޭ --. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ޔުނައިޓެޑް ވިކްޓަރީން ވެސް ކުރިން ބުނީ، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރި ބިދޭސީ ކުޅުންތެރިންނަށް ވެސް މުސާރަ ނުދެވުނީ އެފްއޭއެމުން ފައިސާ ނުލިބިގެން ކަމަށެވެ. އެ ކުޅުންތެރިން އެ ހަޅުތާލަށް ނުކުތުމުން އެފްއޭއެމަށް ކުރިމަތިވި ޕްރެޝަރުތަކާ އެކު އެ ދެ ކުޅުންތެރިންނަށް މުސާރަ ދެވޭ މިންވަރަށް ފަހުން އެ ކްލަބަށް ފައިސާ ދިން ކަމަށް އެ ކްލަބްގެ އޮފިޝަލް ބުންޏެވެ.
"ކުޅުންތެރިން ހަންގާ ސްޓްރައިކަށް ނުކުތީމަ އެފްއޭއެމަށް ވެސް ޕްރެޝަރުވެގެން އެ ދެ ކުޅުންތެރިންގެ ކަންކަން ހަމަޖައްސައިދިން،" އޮފިޝަލް ބުންޏެވެ.
އެފްއޭއެމުން ފައިސާ ނުދީގެން، ފެންމަތިވެފައި ވަނީ ހަމައެކަނި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ކްލަބްތަކަށް ފައިސާ ނުލިބިގެން ގަސްތުގައި މެޗުތައް ދޫކޮށްލުން ވެސް އާންމު ކަމަކަށް ވީ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީގެން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާ ދެކޮޅަށް ފީފާ އިން ވަނީ ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތިކޮށްފަ އެވެ.
ގަސްތުގައި މެޗު ދޫކޮށްލުން އާންމުވި މިންވަރަކީ އިންޓަނޭޝަނަލް މެޗުތަކަށް ދާން ކްލަބްތަކުން ވެސް ބޭނުން ނުވުމުމެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަށް ކުރަން އޮތް ދަތުރު ވެލެންސިއާ އިން ކެންސަލް ކުރީ ފައިސާ ނެތިގެންނެވެ. ސްޕޯޓްސް މިނިސްޓްރީން ފަހު ވަގުތު އެ ޓީމަށް ޓިކެޓް ނަގައިދިން ނަމަވެސް، ޓީމުގެ ހުރުމަށް ހޮޓަލަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އެ ކްލަބްގައި ނެތެވެ.
ގްރީން އިން ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ފުރަތަމަ 11 ފައިލް ފޮޓޯ: އެފްއޭއެމް
އެ މެޗު ގަސްތުގައި ދޫކޮށްލުމުން، އޭއެފްސީން ވެލެންސިއާ، 20،000 ޑޮލަރުން ޖޫރިމަނާ ކުރި އެވެ. ވެލެންސިއާ އަށް އޮތީ އޭއެފްސީ އަށް ދައްކަން ޖެހޭ ފައިސާ އެކަންޏެއް ނޫނެވެ. އެ ޓީމަށް މިދިޔަ ދެ އަހަރު ކުޅުނު ސްޕެއންގެ ބޯހަސް މާޓިން އަށް ދޭންޖެހޭ ފައިސާ ދީފައި ނުވުމުން، ފީފާ އިން އޮތީ އެ ކްލަބާ ދެކޮޅަށް ޓްރާންސްފާ ބޭންގެ އަދަބު ދީފަ އެވެ.
ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތިވެފައިވާ ކްލަބްގެތަކުގެ މައްސަލަ އެ ހައްލުކޮށްދޭން، ފީފާ އަށް ދައްކަން ޖެހޭ ފައިސާ އެފްއޭއެމުން ހޯދައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވާ ކަމަށް، އެ މައްސަލަ ދިމާވެފައި އޮތް ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ކުރިން "މިހާރު" އަށް ބުންޏެވެ.
ފީފާ އިން ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތި ކުރުމުން، އާ ކުޅުންތެރިން ކްލަބްތަކުގައި ރަޖިސްޓްރީއެއް ނުކުރެވޭނެ އެވެ. މި ސީޒަނަށް ވެލެންސިއާ އަށް ބަދަލުވި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ރިލްވާން ވަހީދު (ކަކާ ރިލޭ) އަށް ނުކުޅެވުނީ ފީފާ އިން ކުރިމަތި ކުރި އެ ސަސްޕެންޝަނުގެ ސަބަބުންނެވެ.
އެ އަދަބުގެ ސަބަބުން ބައެއް ކްލަބްތަކުގައި ޓީމުތައް ހަމަނުވާ ހިސާބަށް ދިޔަ އެވެ. ކުޅުންތެރިން ހަމަނުކުރެވޭނެކަން ޔަގީންވުމުން، ކްލަބް ލައިސެންސިންގެ އުސޫލުތަކުގެ ބޭރުން ކްލަބްތަކަށް އާ ކުޅުންތެރިން އެފްއޭއެމުން ރަޖިސްޓަރީ ކުރި ކަމަށް ބުނެ މައްސަލަތަކެއް ފެންމަތިވި އެވެ.
ސްޕެއިންގެ އެފްއޭ އިން އޭންޖަލް މުނޯޒްގެ މައްސަލައާ ގުޅިގެން ތުހުމަތު ކުރީ، ފީފާގެ އެންގުމާ ހިލާފަށް އާ ދެ ކުޅުންތެރިން ކްލަބްގައި ހިމަނައިގެން ގްރީން އިން ކުޅެމުންދާ ކަމަށެވެ.
"އަހަރެމެންނަށް އަންގާފައި ވަނީ ދިވެހިރާއްޖޭގެ ކްލަބް، ގްރީން ސްޓްރީޓްސް އިން ހަތަރު ވަރަކަށް ކުޅުންތެރިން ސޮއިކޮށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ފީފާގެ ސަސްޕެންޝަން ކުރިމަތި ކުރުމުގެ ކުރިން އެ ކްލަބްގައި ހިމެނުނު ކުޅުންތެރިން ނޫންކަން އަހަރެމެންނަށް ވަނީ އެނގިފަ އެވެ." ސްޕެއިންގެ އެފްއޭ އިން ފީފާ އަށް ފޮނުވި ސިޓީގައި ވެއެވެ.
އެކަމަކު އެ ތުހުމަތުތައް ގްރީން ސްޓްރީޓްސް އިން ދޮގު ކުރެ އެވެ.
މިހާރު ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތުން އަލުން ލީގު ކުރިއަށް ގެންދަން އަށް ޓީމު ހަމަވާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެފްއޭއެމުންދޭން ބުނި ފައިސާ އަށް ބަރޯސާވެ، ކުލަބުތައް އިތުރުގޮތެއް ނުހޯދައިތިބުމެވެ.
ގައުމީ ޓީމަށް އެފްއޭއެމުން ކޮށްދޭން ޖެހޭ ކަންކަން ކޮށް ނުދޭ ތާނގައި، އަމިއްލަ ފަރާތްތަކުން ގައުމީ ޓީމަށް ފޯރުކޮށްދޭ އެހީތެރިކަން ވެސް ކުޅުންތެރިންނާ ހަމައަށް "އަމާނާތްތެރި ކަމާ އެކު" އެފްއޭއެމަށް ފޯރުކޮށް ނުދެވެ އެވެ. އޮކްޓޯބަރު 2021 ގައި، ވިޔާފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެ ގައުމީ ޓީމަށް ހޯދައިދިން 1.1 މިލިއަން ރުފިޔާ އެފްއޭއެމަށް ދިންތާ ދެ އަހަރުވީ އިރު ވެސް އެ ފައިސާ ހުރިހާ ކުޅުންތެރިންނަށް ފުރިހަމަ އަށް ދީފައެއް ނުވެ އެވެ.
އެ ފައިސާ އެފްއޭއެމްގައި ހުރި ކަމަށް މިދިޔަ އަހަރު ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ. އެހެން ނަމަވެސް މި އަހަރު ޖުލައި މަހު މީޑީއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އުއްޗު ދެއްވި ފައިސާ އެފްއޭއެމްގެ އެހެން ކަމަކަށް އޭރު ބޭނުން ކުރީ ކަމަށެވެ.
އެފްއޭއެމުން އެކި ހޮޓަލްތަކަށާއި އެއާލައިން އޮފީސްތަކަށް ފައިސާ ނުދައްކައި އޮތުމުން ވެސް އޭގެ ގެއްލުން ލިބުނީ ގައުމީ ޓީމަށެވެ. މާލޭގައި މެޗު ކުޅުނަސް މީގެ ކުރިން މުހިންމު މެޗުތަކަށް ގައުމީ ޓީމު އެއްކޮށް ހޮޓެލްގައި ކޭމްޕް ކުރެ އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި މާލޭގައި ކުޅުނު މެޗަށް ގައުމީ ޓީމު ހޮޓަލްގައި ކޭމްޕްކޮށްފައެއް ނުވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ދެ ކުޅުންތެރިން ސަލާމް ކުރަނީ: ގައުމީ ޓީމު ވެސް އޮތީ އަޑިއަޅާލައިފި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކީއްވެތޯ މިފަހަރު ކޭމްޕް ނުކުރީ؟ މީގައި އުޅެނީ ދެ ކަމެއް. އެފްއޭއެމްގައި ފައިސާއެއް ނެތް. އަނެއް ކަމަކީ ހޮޓަލްތަކަށް ދޭން ޖެހޭ ފައިސާ ހުރީމަ ހޮޓަލްތަކުން އެފްއޭއެމަށް ބުކްކޮށް ނުދޭނީ،" އެފްއޭއެމްގެ އެތެރޭގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އޭނާ ބުނީ މި ދޭތެރެ އިން އައި އޭއެފްސީގެ ޓީމެއް މާލޭގައި ތިބެން ހޮޓާ ބުކް ކުރީ، އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބު (ޑޮކް) ގެ ނަމުގައި ކަމަށެވެ.
ސެޕްޓެމްބަރު މަހު، ކުޅުނު އޭއެފްސީ 23 އަހަރުންދަށުގެ ކޮލިފައިން މުބާރާތަށް ގައުމީ ޓީމު ވާދައެއް ނުކުރެ އެވެ. ޓިކެޓް ނަގާނެ ފައިސާއެއް އެފްއޭއެމްގައި ނެތެވެ.
"ގިނަ އެއާލައިންތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެއާއިލައިންތަކުން ވަނީ އެފްއޭ އަށް ކްރެޑިޓަށް ޓިކެޓް ދޫކުރުން ހުއްޓާލައިފަ،" އެފްްއޭއެމްގައި ކުރިން މަސައްކަތް ކުރި އޮފިޝަލް ބުންޏެވެ.
މީގެ ކުރިން އަޑު އިވެނީ ކްލަބްތަކުން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ފީފާ އިން މައްސަލަ ބެލި ވާހަކަ އެވެ. އެކަމަކު މިހާރު ހިނގަމުންދާ ބައްސާމްގެ ދެވަނަ ދައުރުގައި ގައުމީ ޓީމުތަކުގައި މަސައްކަތް ކުރި ބިދޭސީ ހަތަރު ކޯޗަކަށް ފައިސާ ނުދީގެން އެ މައްސަލަތައް ފީފާ އާ ހަމައަށް ދިޔަ އެވެ. ފީފާގެ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމީ އެފްއޭއެމްއާ ދެކޮޅަށެވެ.
ގައުމީ ޓީމުގެ ކުރީގެ ހެޑް ކޯޗު މާޓިން ކޫޕްމަން، އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކް، ގައުމީ އަންހެން ޓީމުގެ ކުރީގެ ހެޑް ކޯޗު ޑޭވޯ ބާބާ، ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާ އަށް އެފްއޭއެމުން ފައިސާ ނުދިނުމުން، މައްސަލަ ފީފާ އާ ހަމައަށް ގެންދިޔަ އެވެ. އެ ކޯޗުންނަށް ޖުމުލަ ދައްކަން ޖެހޭ ފައިސާ، 5.7 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެފްއޭއެމްގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.
ބައްސާމް އެފްއޭއެމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑޭވޯ އަށް 35،000 ޑޮލަރު (539،700 ރުފިޔާ) ދިނުމަށް އެފްއޭއެމް އަށް ފީފާ އިން ދިން 45 ދުވަހުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުން ވެސް އެ ފައިސާ ނުދައްކައިގެން އެންމެ ފަހުން އެ މައްސަލަ ފީފާ އަށް ހުށަހެޅި ދެކުނު ކޮރެއާގެ ޕީއެންޖޭ ކޯޕަރޭޝަނުން ފީފާގެ ކިބައިން އެދުނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށެވެ.
އެ ކޯޕަރޭޝަނުން ފީފާގެ ކިބައިން އެދުނީ ފީފާގެ ޑިވެލޮޕްމެންޓް ފަންޑުން ދޫކުރާ ފައިސާ އެފްއޭއެމް އަށް ނުދިނުމަށާއި ވަކި މުއްދަތެއް ވަންދެން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއް ނުވަތަ ހަރަކާތެއްގައި ރާއްޖެ އަށް ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
"ޕްލޭއާ ސްޓެޓަސް އާއި ޕްލޭއާސް ޓްރާންސްފާ އާ ބެހޭ ފީފާގެ ގަވާއިދުގެ އެނެކްސް 2 ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައްކަން ޖެހޭ ފައިސާ ދައްކަންދެން، ފީފާގެ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ލިބެން ޖެހޭ ޕަސެންޓް ހިފެހެއްޓުމަށް އަހަރެމެން އެދެމެވެ. މީގެ އިތުރުން މިކަން ވާން އޮތް ނަމަ ވަކި މުއްދަތަކަށް އިންޓަނޭޝަނަލް އެއްވެސް މެޗެއްގައި ނުވަތަ ހަރަކާތެއްގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަނަށް ބައިވެރި ނުވެވޭނެ ގޮތަށް ފުރުސަތު ހަނިކޮށްދެއްވުން ވެސް އެދެމެވެ،" ޕީއެންޖޭ ކޯޕަރޭޝަންގެ ލީގަލް ރެޕްރެޒެންޓޭޓިވް މިން ޕާކް ސޮއި ކޮށް ފީފާ އަށް ފޮނުވި ލިޔުމުގައި ބުނެފައި ވެ އެވެ.
އެފްއޭއެމުން ޑޭވޯ އަށް ދޭން ޖެހޭ މުސާރަ ހަލާސް ކުރީ އެހާވަރު ކުރުމުންނެވެ.
ފައިސާ ނުދިނުމުގެ މައްސަަލަތަކުގައި އެންމެ ހާލުގައި ޖެހުނީ އެފްއޭއެމްގެ އިދާރީ މުވައްޒަފުންނެވެ. އެ އިދާރާގައި މިހާރު ވެސް މަސައްކަތް ކުރާ މުވައްޒަފަކު ބުނީ މުވައްޒަފުން ތިބީ މަގުމަތި ވެފައި ކަމަށެވެ. މުސާރަ ނުދޭތީ ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ މަސައްކަތަށް ނުނިކުންނަ ގޮތަށެވެ. ފުޓްބޯޅައިގެ ހިންގުން ހުއްޓުނީ އެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތެވެ. ބައްސާމް ކުރިން ވިދާޅުވެފައި ވަނީ ފުޓްބޯޅައިގެ މައިބަދަ އަކީ ކްލަބްތައް ކަމަށެވެ. އެކަމަކު އެފްއޭއެމުން ފައިސާ ނުދޭތީ ފުޓްބޯޅައިގެ މައިބަދަ ބިންދައިގެން ގޮސް ބިމާ ހަމަވީ އެވެ. އަލުން ފަށާނެ ތާރީހެއް ނޭނގި އޮތް ދިވެހި ޕްރިމިއާ ލީގުން ވަކިވުމުގެ ވިސްނުން ކްލަބްތަކުގެ ބޮލަށް ވަނީ ވެސް ފައިސާ ނުލިބިގެންނެވެ.
މާޒިޔާގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ބުނީ، ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް ކައިރިން ރާއްޖެ އަށް ކުރިއަށް ނުދެވުނީ ލީގު ހަރުދަނާ ނުވުމުންނެވެ. ކްލަބްތައް ހިރި ނުލެވޭ ހާލަތަށް ގޮސްފައި އޮތް ތަނެއްގައި ލީގު ހަރުދަނާ ވާނެ ހެއްޔެވެ. ލީގު ނެތި ފުޓްބޯޅައެއް އަދި ގައުމީ ޓީމަކަށް ވެސް ކުރިއަކަށް ނޭރޭނެ އެވެ. އެ ހުރިހާ މައްސަލަތަކެއް އޮތީ ފައިސާ ނުދިނުމުގެ މައްސަލަތަކާ ގުޅިފަ އެވެ.
ބައްސާމް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އެފްއޭއެމުން މުވައްޒަފުން މަދުކޮށް އަދި ކްލަބްތަކަށް ފައިސާ ދިނުން މަޑުޖައްސާލިނަމަ، މާލީ ގޮތުން އެފްއޭއެމް އަޑިއަޅާލައިގެން ދިޔަ ނުދީ ހިފެހެއްޓުނީހެވެ. އެކަމަކު އެއިން އެއް ވެސް ފިޔަވަޅެއް ނޭޅީ ކްލަބްތަކަށާއި މުވައްޒަފުންނަށް ދެން ލިބިދާނެ ގެއްލުމަކަށް މާ ބޮޑު ވާނެތީ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޖެނަރަލް ސެކެރަޓަރީ ޖަވާޒު ޕްރެސް ކޮންފަރެންސްގައި: --- ފޮޓޯ: ނިޝާން އަލީ | މިހާރު
ނަމަވެސް މިހާރު އޭނާ ހުންނެވީ ހަރަދުތައް ކުޑަކޮށް އެފްއޭއެމް އާއި ފުޓްބޯޅަ އަށް ހިންދެމިލުމަށް ފިޔަވަޅުތައް އަޅަން ތައްޔާރުވެގެންނެވެ. އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މިހާރު އޮތް ހުރިހާ ދަރަންޏެއް އަދާކޮށް އަންނަ އަހަރު ފަށާނީ ހަރަދު ކުޑަ ކުރުމުގެ ޕްލޭންތަކާ އެކުގައި ކަމަށެވެ. މިދިޔަ ދެ އަހަރު ވެސް ފައިސާގެ ގިނަ މައްސަލަތަކެއް ހައްލުކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ މަސައްކަތަކީ (ދަރަނީގެ ގޮތުގައި) ބާކީ މި އިން ހަ މިލިއަން ރުފިޔާ އާއި އަދި ކްލަބްތަކަށް އަޅުގަނޑުމެން ދޭން ހުރި ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ޑިވެލޮމްޕެމްޓާއި އަދި އެހެނިހެން ހަރަދުތައް މިދިޔައީ ވަރަށް ބޮޑަށް މަޑުޖެހިގެން. އަޅުގަނޑުމެންގެ ބައެއް ސްޓާފުންގެ ސެލަރީތައް ވެސް މަޑުޖެހިގެން ދިޔަ،" ބައްސާމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މަޑުމަޑުން އަޅުގަނޑުމެން މިދަނީ، ފަހަރަކު ކަމަކުން އެޓެންޑްވަމުން އެ އެއްޗިހި ހައްލު ކުރުމަށްޓަކައި. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންގެ ދަރަންޏެއް އޮވެއްޖެއްޔާ އޮންނާނީ ހަލާސް ކުރެވިފައި."
"އެފްއޭއެމްގެ ސްޓާފުންގެ މުސާރަ އޮންނާނީ ހަމަޔަކަށް އެޅިފައި. އެޔާއެކީގައި އެފްއޭއެމްގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި މިދަނީ ވަރަށް ބައިވަރު ކަންކަން ރޭވެމުން. އޭގެ ތެރޭގައި މަހަކަށް އަޅުގަނޑުމެން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް އަހަރު ޖެނުއަރީގައި އަޅުގަނޑުމެން އަލުން ފަށާއިރު ސުމަކުން އަޅުގަނޑުމެން ފަށާނީ. އަޅުގަނޑުމެންނަށް ކެތްވާވަރުގެ ބަޖެޓެއްގައި އެހެންވީމަ އެ މަސައްކަތް މިހާރު ދަނީ ކުރެވެމުން."
އެކަމަކު ވަގުތު ހިނގައްޖެ އެވެ. އެންމެންގެ ވެސް ސުވާލަކީ މި އެވެ: މި ހުރިހާ ކަމެއް ވެގެން ދިޔަ އިރު އެ ފިޔަވަޅު ނޭޅުނީ ކީއްވެ ހެއްޔޭ އެވެ؟ އެންމެން ބަލަހައްޓައިގެން ތިބީ ކީއްވެ ހެއްޔޭ އެވެ؟ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު އެންމެ ފޫހި ކުޅިވަރަށް ވީ ކީއްވެ ހެއްޔޭ އެވެ؟ ޒިންމާ އަދާކުރަން ކުރަން ޖެހޭ މީހުން، މިހާވަރު ވީއިރު ވެސް އެ ޒިންމާ އަދާނުކުރީ ކީއްވެހެއްޔޭ އެވެ؟
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަމަންނާ
14 November 2023
އާޓިކަލް ކިޔާފަވެސް ބޮލުގަ ރިއްސައިގެންފި. މިހާވަރު ވާއިރު ބައްސާމު ވަކިކުރަން ނޫޅުނީ ކީއްވެހޭ؟ އެއީ މަތިން ބާވައިލައްވާފައިވާ މަގާމެއްހޭ؟ ގައިމު ވަރުގަދަ ސަބަބެއް އޮންނާނެ އެންނު
ހެއް
13 November 2023
ފުޓުބޯޅަ ނުކުޅެވިގެންވިއްޔަ ދިވެހިން މިއުޅެނީ. މިކަން ބޮޑު ކަމަކަށް ވެގެން އުޅެނީ ދެތިން ކުޅިވަރު ނޫސްވެރިންނަށް ތޯއްޗެ. އެހެންޏަ.. ކްލަބުތަކުންވެސް ހާސްވެގެނެއް ނޫޅޭ. ބައްސާމު އުދުހެނީ. ދެން ތި ދަރަނި އަދާކުރަން ރައްޔިތުން ނުކުމެ ޖަމްބަލް ސޭލެއްތަ ބާއްވަދޭންވީ؟
ބޮޑުމީހާ
12 November 2023
މުޅި ގައުމުގެ ހާލަތު
އަޑުއަަހަން ބޭނުން
12 November 2023
ބައްސާމު ތިމަގާމު ދޫކޮށްފަ އެހެން މީހަކަށް ދިން ނަމަ މިއަދު ތިވާހަކަ ނޫހުގަ ޖަހާނެ ޖާގައެއް ނޯންނާނެ. ޕްލޭނެއް ނެތި މަގާމު ބޭނުން ވެގެން އުޅޭމީހުންނަށް ވީމަ މިއަދު މިހެންމިވީ. ރައީސް އިބޫ ފެއިލް ވި ސަބަބު ތަކުން ސަބަބެއް މި ބައްސާމު އަކީ ވަރަށް ސާފު. އުމަރު އާ ބައްސާމު އަށް ދެން ދިވެހިން ދުވަހަކުވެސް އާނއެކޭ ނުބުނާނެ. މަވާ ސަލާން.
ނަންއެދެމޭ
12 November 2023
ބައްސާމް އިސްތިއުފާ!!! އިތުރަކަށް ދެން ބައްސާމް އެފްއޭއެމްގަ ކުރަން ޖެހޭ މަސައްކަތެއް އޮތްކަމަށް ޤަބޫލެއް ނުކުރެވޭ. އެއްވެސް ކަމަކަށް ހައްލެއް ނުލިބި ދައުރެއް ނިމިދިޔައީމާ ދެން އެހެންމީހަކާ ހަވާލުކޮށްފައި ގެއައްދޭ.
ޝެނީ.
12 November 2023
އެތަނުގެ އެނުއަލް އޮޑިޓް ކުރަނީ ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު ރިފާތުގެ އޮޑިޓްފާމުން. އެއީ ބައްސާމުގެ ވަރަށްގާތް ބޭފުޅެއް. ރިފާތު އަބަދުވެސް ދެއްވަނީ ރަނގަޅު އޯޑިޓު ރިޕޯޓެއް. އެ ބޭފުޅާޔާ ސުވާލުކޮށްލަންޖެހޭ.
އަވާމެންދުރު
12 November 2023
ހުރިހާކުޅިވަރެއްވެސް ތިހާލުގައި. ހުރިހާ އެސޯސިއޭޝަންތަކުގެ ވެރިންނަށްތިބީ ހުސް ބައްސާމުން. ގައުމީޓީމާއެކު ފުރުވާކޯޗަކީ އެސޯސިއެޝަންގެ ރައީސްގެ ބިޒްނަސްގަވެސް އުޅެދޭމީހާ. ކޮންމެހެން ކުޅުންތެރިންގެ އަސްލު ކޯޗެއްނޫން.
ފޯޢްސާމް
12 November 2023
މުޅި ގައުމުގެ ފުޓްބޯޅަ ޖީލް ފުންޑާލި ޣައްދާރު.