އަދަދު ނޫހުން ހެދި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ފުލުހަށް ހާޒިރުކުރުމުން އޭނާ ހަނު ހުރެފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ޕޮލިހަށް ހާޒިރުވުމަށް ފޮނުވި ޗިޓްގައިވެ އެވެ. އަދި އެ މައްސަލާގައި އެ ނޫހުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.

އެކަމުގެ ތަހުގީގަށް ހަސަން މިއަދު ހެނދުނު ފުލުހަށް ހާޒިރުކޮށްފައި ވާއިރު އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިއަދު މެންދުރު ފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. 

ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށްފަހު، ވަކީލް ސައްޔާހު ހަލީލް ވިދާޅުވީ ހަސަންގެ މައްޗަށް ކުރަނީ އަދަދު ނޫހުން އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހެދުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކަމަށެވެ. 

ނަމަވެސް، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެ ފާޅުކުރާ ހިޔާލުގެ މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ތަހުގީގުގައި ފާހަގަކޮށްފައިވާނެ ކަމަށް ސައްޔާހު ވިދާޅުވި އެވެ.

އެހެންވެ، އެ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގުގައި ހަސަން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ. 

އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް މިއަދު ވަންނަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް މިއަދު ވަންނަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިއީ ކަނޑައެޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް." ސައްޔާހު ވިދާޅުވި އެވެ. 

ހަސަން ވިދާޅުވީ އަދަދުން ކުރީ ނޫސްވެރިކަން ކަމަށެވެ. އެކަމަކު، ނޫސްވެރިކަން ރެގިއުލޭޓުކޮށް ނޫސްވެރިކަމާ ގުޅޭ މައްސަލަތައް ބަލަން ވަކި ކޮމިޝަނެއް އުފައްދާފައި އޮތަސް ފުލުހުންގެ ތަހުގީގު ކުރިއަށްގެންދަނީ އެ ކޮމިޝަންގެ ވާޖިބު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ މައްސަލައިގައި ހަސަން އާއި ފިޔާޒްގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައިވެ އެވެ.

ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދުގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންފޮސް އެ ނޫހުގެ ބައެއް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައިވާތީ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.