ހުޅުމާލެ 2 އިން ގެއްލިގެން ހޯދަން އިއުލާންކުރި އުމުރުން 15 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ. 

ހމ، ފްލެޓް ނަމްބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީ ގެއްލިގެން އެ ކުއްޖާ ހޯދަން ފުލުހުން އިއުލާންކުރީ މިއަދުގެ މެންދުރު 1:40 ހާއިރު އެވެ. އަދި އެ ކުއްޖާ ފެނިފައިވާ ކަމަށް 2:50 ހާއިރު ފުލުހުން ސޯޝަލް މީޑިއާގައި ބުންޏެވެ.

އަލްޔާގެ ހާލު ރަނގަޅު ކަމަށް ބުނުން ފިޔަވައި "ގެއްލުނު" ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

އާއިލާއާ ހަވާލާދީ، ފުލުހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގަ އެވެ.

އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 4:15 ހާއިރު ކަމަށާއި ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ އާއިލާއިން ބުނީ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެން ޓޮޕަކާއި މަޑު ނޫ ކުލައިގެން ޖިންސެއް ކަމަށެވެ.