ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލް ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ.
ފުލުހުން މިއަދު ބުނީ، އިގުބާލް ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިގުބާލް ފެނުނީ ފުލުހުން ބުނި ގޮތުގައި، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އެ އުޅަނދު އައްސައިގެން އޮއްވަ އެވެ.
"އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ފުލުހުން ރޭ ބުނީ އިގުބާލް ކަނޑުމައްޗަށް ނުކުތީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށެވެ. އޭނާ ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.