ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
ފުލުހުން ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް މިރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.
ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށެވެ. އޭނާ ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ރިޕޯޓް ލިބުމާ އެކު، ކަމާ ބެހޭ ޑިޕާޓްމަންޓްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.