ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް އެކަކު މަރުވެ، ގިނަ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާ ގުޅިގެން އެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ރޭ ސަސްޕެންޑުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަން "އެމްވީ ޑޫކް އޮފް ޔޯކް"ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. 

މިނިސްޓްރީގެ ޕޯޓަލް އިން ދައްކާގޮތުގައި 12 ކޮޓަރީގެ ޑޫކް އޮފް ޔޫކްގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ނަމަކަށް ކިޔާ ބޭފުޅެކެވެ. އަދި އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އަދި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.  

އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަނީ އިޓަލީގެ ފަސް މީހުންނެވެ. އެއީ ހަތަރު ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދި ނުފެނެ އެވެ.

އެމްއެންޑީއެފުން އެ ދުވަހު ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ކަމާގުޅުން ހުރި އިދާރާތަކުން ދަނީ އެ އަށް ވުރެ ފުނަށް ފީނި ސަބަބު ބަލަމުންނެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެންވެ، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.