މާލެއަށް މިއަދު ދަތުރު ކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފެށުމުން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "މޯލްޑިވްސް އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީ ދިޔަވާން ފެށީ ވ. ފުލިދޫ އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް މިއަދު މެންދުރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު އެ ސަފާރީގައި 24 މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސަފާރީގައި ތިބި މީހުން އެހެން އުޅަނދަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކޯސްޓްގާޑްގެ އުޅަނދެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން އޮތީ އެކަމަށް ސަމާލުވުމަށް ވެސް ކުރިން އިލްތިމާސްކޮށްފަ އެވެ.