މާލެ އާއި ގދ. ތިނަދުއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ރޭ ފަރަށް އަރައިފި އެވެ.
އެމްއެެންޑީއެފުން މިއަދު ބުނީ މާލެއިން ފުރައިގެން ތިނަދުއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ބޯޓުގައި ތިބި ފަޅުވެރިންނަށް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކުރީ ރޭ ދަންވަރު 12:30 ވީ ފަހުން ކަމަށާއި އެ ރިޕޯޓް ލިބުމާ އެކު ކޯސްޓްގާޑު އެތަނަށް ދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރި ހަތަރު ދިވެހީންނާއި ހަތް ބިދޭސީންގެ ތެރެއިން ހަ މީހަކު އޭގެ ގަޑިއެއްހާއިރު ފަހުން ކޯސްޓްގާޑުގެ ހާބަކްރާފްޓަށް ނެގި ކަމަށެވެ. އަދި ޑިންގީއެއްގައި ފެންފުއްޓާއަށް އަރައިތިބި ތިން މީހަކު ވެސް އޭގެ ފަހުން ހާބަކްރާފްޓަށް ނެގި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ދެރަހަ" ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެންދިޔަ "ސްވިފްޓް" ދޯނި ރޭ ފަތިހު 4:00 ގެ ފަހުން އެ ސަރަހައްދަށް ދިއުމުން ބޯޓުގެ ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.