ގދ. ތިނަދޫ އިން ތިން މީހުންނާ އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ދޯނި ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ދޯނި ފެނުނު އިރު ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅެވެ. ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ އެ ދޯނީގެ ހަބަރު ވެފައިވަނީ ރޭ 12:05 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފްގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ކަންހިނގިގޮތުގެ މައުލޫމާތު ނަގާފައިވާ ކަމަށް ސިފައިން ބުނެ އެވެ. އެމްއެންޑީއެފްއިން ބުނީ ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ރޭ ފަތިހު ތިނަދޫއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.