އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު އެ ރަށު ރަތްވިލާގޭ އަލީ ޝާހު ގެއްލުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަަހައްދު ލޮކްޑައުން ކުރުމުން މާލޭގައި ހުރުމަށް ފަހު އެނބުރި ރަށަށް ކުރި ފުރަތަމަ ދަތުރުގައި ކަމަށް މަންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
މަންދޫ ކައުންސިލްގެ ނައިބު ރައީސް ނުއުމާން ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު ޝާހު މާލޭގައި ހުރީ ބޭސްފަރުވާއަކަށް ކުރި ދަތުރެއްގަ އެވެ. ނުއުމާން ވިދާޅުވި ގޮތުގައި ޝާހަކީ އެއްބަނޑު އެެއްބަފާ ދެ ފިރިހެންނާއި ދެ އަންހެނުންނާ އެކު ފަސް ބެއިން ތިބި އާއިލާގެ ދެވަނަ އަށް ދޮށީ ފިރިހެނެވެ.
"ދޯނި ލެފި އިރު ޝާހު އަށް މަރުހަބާ ކިޔަން އޭނާގެ ބައްޕަ ގޮސް ހުރި ބަނދަރުގައި. އެ އާއިލާ އަށް ލިބުނު ހިތާމައިގެ ސަބަބުން ޝާހުގެ މަންމަގެ ހާލު ކޮންމެވެސް ވަރަކަށް ދެރަވި،" ނުއުމާން ވިދާޅުވި އެވެ.
ޝާހު، 27، ގެ ބައްޕަގެ ފެރީ ދޯނީގައި އޭނާ ރަށަށް ދަތުރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ނަގަން އެ ދޯނި ކުރި ދަތުރެއްގަ އެވެ. އެ ދަތުރުގައި އެ ދޯނިން ދަތުރުކުރީ ޝާހު އާ އެކު ހަތަރު ފިރިހެނުންނެވެ. ނުއުމާން ވިދާޅުވި ގޮތުގައި ދެން ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ.
ދޯނީގެ ކެޕްޓަނާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މަންދޫ ބަނދަރަށް ދޯނި ވަނުމުގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ކުރިން ވެސް ޝާހު ކެޕްޓަނާ ވާހަކަ ދެއްކި އެވެ.
ޒަމާނީ ފެންވަރަށް ހަދާފައިވާ ފެރީ ދޯނިން ޝާހު ގެއްލުނު އިރު، އެ ދޯންޏަކީ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ހުންނަ ދޮރު ނޫން ތަނަކުން އަރާފައިބާ ނޫޅެވޭ ގޮތަށް ބަންދުކޮށްފައި އޮތް ދޯންޏެކެވެ. ދިރުނބާކޮޅުން ދޯނީގެ ގެގަނޑުން ބޭރަށް ނުކުންނަ މީހުން ކެޕްޓަނަށް ރީއްޗަށް ފެންނާނެ އެވެ. އެހެންވެ އޭނާ ކަނޑަށް ވެއްޓުނީ ބެލެވޭ ގޮތުގައި ދޯނީގެ ކޮޅުފަސްކޮޅުންނެވެ.
ޝާހު ހޯދަން ސިފައިންނާއި އާއްމުން އަންނަނީ އެ ސަރަހައްދުގައި އަތްފުނާ އަޅަމުންނެވެ. ސިފައިންގެ ޑައިވަރުންގެ އިތުރުން އަތޮޅު ތެރޭގެ އެކި ރަށްރަށުން އައި ޕްރޮފެޝަނަލް ޑައިވަރުންގެ 30 އަކަށް މީހުން މިހާރު ވެސް އަންނަނީ އެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. އެކަމަކު ޝާހު އަދި ނުފެނެ އެވެ.
"ޝާހު އެންމެ ފަހުން ކެޕްޓަނާ ވާހަކަ ދެއްކި އިރު ދޯނި އޮތް ކަމަށް ބެލެވޭ ހިސާބުން ފެށިގެން، ދޯނި ދަތުރުކުރި މަގު ޑައިވަރުން އަންނަނީ ބަލަމުން،" ނުއުމާން ވިދާޅުވި އެވެ.
އެމްއެންޑީއެފުން ކުރިން ބުނީ ޝާހު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އިއްޔެ ރޭ ދަންވަރު 2:10 ހާއިރު ލިބުމާ އެކު، މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ސިފައިން ބުނާގޮތުގައި، ދަންވަރު 1:10 ހާއިރެވެ. ދޯނީގެ ކެޕްޓަނާ ހަވާލާދީ، ސިފައިން އޭރު ބުނީ، ޝާހު ގެއްލިފައިވާކަން އެނގުނީ މަންދޫ ފަޅަށް ދޯނި ވަން ފަހުން ކަމަށެވެ. ރަށުގެ ނެރުން "ރަންތަރި" ދޯނި ވަން އިރު ވެސް ޝާހު އެ ދޯނީގައި ހުރި ކަމަށާއި އެކަމަކު ފާލަމާ ކައިރިކުރި ވަގުތު ނެތް ކަމަށް ކެޕްޓަނާ ހަވާލާދީ އޭރު ބުންޏެވެ. ޝާހުގެ ހަބަރެއް ވޭތޯ، އެ ސަރަހައްދުން ދަތުކުރާ ފަރާތްތަކުން ވެސް ބަލައިދޭން ސިފައިން ވަނީ އެދިފަ އެވެ.