މާލެ އިން ފުރައިގެން އދ. މަންދު އަށް ދަތުރުކުރި ދޯންޏެއްގައި ހުރި އުމުރުން 27 އަހަރުގެ ޒުވާނަކު ގެއްލިގެން ކޯސްޓް ގާޑުން އޭނާ ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މަންދޫ، ރަތްވިލާގޭ އަލީ ޝާހު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ރޭ ދަންވަރު 2:10 ހާއިރު ލިބުމާ އެކު، މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ސިފައިން ބުނާގޮތުގައި، ދަންވަރު 1:10 ހާއިރު އެވެ.

ދޯނީގެ ކެޕްޓަނާ ހަވާލާދީ، ސިފައިން ބުނީ، ޝާހު ގެއްލިފައިވާކަން އެނގުނީ މަންދޫ ފަޅަށް ދޯނި ވަން ފަހުން ކަމަށެވެ. ރަށުގެ ނެރުން "ރަންތަރި" ދޯނި ވަން އިރު ވެސް ޝާހު އެ ދޯނީގައި ހުރި ކަމަށާއި އެކަމަކު ފާލަމާ ކައިރި ވަގުތު ނެތް ކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

"މީނާ އެ ރަށަށް ދަތުރުކުރީ ހޯމް ކަރަންޓީން ވުމަށް ކަމަށް ދޯނިން މައުލޫމާތު ދީފައިވޭ،" އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދު ހެނދުނާ ހަމައަށް ވެސް ޝާހު ނުފެންނަ ކަަމަށާއި ކޯސްޓް ގާޑުގެ ލޯންޗުން ގެންދަނީ ކަނޑުގެ ސާފޭސް ބަލަމުން ކަމަށެވެ. ކޯސްޓް ގާޑުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޝާހު، ގެއްލުނުއިރު ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއް ކަމަށް ވެސް ދޯނީގެ ކެޕްޓަނާ ހަވާލާދީ ސިފައިން ބުންޏެވެ.

"މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ވެ އެވެ.