މާލެއިން ފުރައިގެން އއ. މަންދު އަށް ދަތުރުކުރި ދޯންޏަކުން އިއްޔެ ރޭ ގެއްލުނު އަލީ ޝާހް، 27، އަދިވެސް ނުފެންނާތީ އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާއި އާއްމުން ގުޅިގެން އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އަލީ ޝާހް ހޯދުމަށް ޓަކައި ކަނޑުގެ ސަރަހައްދު ބެލުމުގެ މަސަައްކަތް އާއްމުންގެ އެހީތެރިކަމާ އެކު އަދިވެސް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ކުރިން ބުނީ، މަންދޫ، ރަތްވިލާގޭ އަލީ ޝާހު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އިއްޔެ ރޭ ދަންވަރު 2:10 ހާއިރު ލިބުމާ އެކު، މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ސިފައިން ބުނާގޮތުގައި، ދަންވަރު 1:10 ހާއިރެވެ. ދޯނީގެ ކެޕްޓަނާ ހަވާލާދީ، ސިފައިން އޭރު ބުނީ، ޝާހު ގެއްލިފައިވާކަން އެނގުނީ މަންދޫ ފަޅަށް ދޯނި ވަން ފަހުން ކަމަށެވެ. ރަށުގެ ނެރުން "ރަންތަރި" ދޯނި ވަން އިރު ވެސް ޝާހު އެ ދޯނީގައި ހުރި ކަމަށާއި އެކަމަކު ފާލަމާ ކައިރި ވަގުތު ނެތް ކަމަށް ކެޕްޓަނާ ހަވާލާދީ އޭރު ބުންޏެވެ.
ޝާހުގެ ހަބަރެއް ވޭތޯ، އެ ސަރަހައްދުން ދަތުކުރާ ފަރާތްތަކުން ވެސް ބަލައިދޭން ސިފައިން ވަނީ އެދިފަ އެވެ.
އަލީ ޝާހް ހޯދުމަށް ސިފައިންނާއި އާއްމުން ގުޅިގެން މަސައްކަތްކުރަމުން އަންނަ އިރު ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މޫސުން ގޯހެވެ. އެގޮތުން ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.