ގދ. ތިނަދޫން ފުރައިގެން ތިން މީހުންނާ އެކު މާލެ އަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިރޭ ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ފްރެޝް" ނަމަކަށް ކިޔާ އެ ދޯނީގެ އެއްވެސް ޚަބަރެއް ނުވެގެން، ސިފައިންނަށް ރިޕޯޓް ލިބިފައި ވަނީ މިރޭ 6:45 ހާއިރު ކަމަށެވެ.
އެ ދޯންޏަށް އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 7:11 ހާއިރު ގއ. ކޮލަމާފުށި ކައިރިން ކަމަށް ކޯސްޓް ގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ގެއްލިގެން ހޯދަނީ ދިގުމިނުގައި 17 މީޓަރު ހުރި ދޯންޏެއް ކަމަށް ސިފައިން ބުންޏެވެ. ދޯނީގެ ބޭރުގައި ގަދަނޫކުލައިގެ ދަވާދު ލާފައިވާއިރު ހުދު ކުލައިގެ ގެ ގަނޑެއް ދޯނީގައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މި ދޯންޏާ ބެހޭ މައުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރައްވާ ނަމަ ކުރައްވާނީ 3391665 މި ނަމްބަރު ފެކްސް އަށެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ވެ އެވެ.