ގަލްފުގެ ގައުމުތަކުން ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ. 

ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ނަމުގައި އުފެއްދި އިއްތިހާދުގެ ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅި އާއި ރަތްކަނޑު އަދި ގަލްފް އޮފް އަދަން ކަނޑުއޮޅީގައި ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރި ކުރުމެވެ.

އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އެވެ. 

އެ އިއްތިހާދުގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. 

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ އަދި ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުވެ އަދި ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ އެވެ. 

އެ އިއްތިހާދު އުފެއްދި ގައުމުތަކުން ބުނެފައިވަނީ އެ އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. އަދި އެ އިއްތިހާދުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމާއެކު ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

ސައުދީއަކީ އެ އިއްތިހާދު އުފައްދައި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން އެ އިއްތިހާދުގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. 

އެ އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން ތުރުކީ އާއި ކުވެއިތާއި ބަހްރެއިނާއި ގަތަރާއި އުރުދުން އާއި މިސްރާއި ޕާކިސްތާނާއި ޖިބޫތީ އާއި ސޯމާލިއާ އާއި ބަންގްލަދޭޝާއި ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.  

އެ އިއްތިހާދު އުފައްދާފައިވަނީ އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ޖަމާއަތުން މިދިޔަ ޖުލައި މަހު ސައުދީ އާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އޭގެ ފަހުން ސައޫދީއާ ގުޅުންހުރި އުޅަނދުތަކަށް ހަމަލާތަކެއް ދޭން ފެށުމުން ރަތްކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އޭގެ ރައްދުގައި ސައުދީން ވެސް ދަނީ ހޫތީންނަށް ހަމަލާތައް ދެމުންނެވެ.