ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އޫއޭއީގެ ކުރީގެ ސަފީރު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އަށް އެ މަގާމު ދެއްވީ މިނިސްޓަރެއްގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި މިހާތަނަށް ހުންނެވީ ހީނާ ވަލީދެވެ. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ އިއްޔެ އައްޔަން ކުރެއްވުމާ އެކު، ވަނީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސަރުކާރުގެ ތަރުޖަމާނަކަށް މުންދު އައްޔަން ކުރެއްވިއިރު، ޔޫއޭއީގެ ސަފީރުގެ މަގާމުން މި މަހުގެ ހަ ވަނަ ދުވަހު އޭނާ ކުއްލި ގޮތަކަށް ވަނީ ވަކިކުރައްވައިފަ އެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ.
މުންދު، ޔޫއޭއީގެ ސަފީރުގެ މަގާމުން ވަކިކުރެއްވީ އަސްމާއާ ނުލައި ޕީއެންސީ އަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، އަސްމާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެ، އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލުކޮށްފައި ކަމަށް ވެ އެވެ.
މުންދު ވަނީ ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005-2007 އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007-2008 އަށް ފުރުއްވައިފަ އެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެއްދި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
މުންދު ވަނީ ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.