ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމުގެ ކަންބޮޑުވުންތަކާ އެކު އިދާރާތަކާ ސުވާލުކޮށް މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ސިޓީއެއްގައި، ގާނޫނު ތަންފީޒުކުރުމުގައި ބައެއް ކަންކަން ފުރިހަމައަށް ކުރިއަށް ނުދާކަން ވަނީ ފާހަގަކުރައްވައިފަ އެވެ. 

ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ކުޑަކުދިން ރިހެބިލިޓޭޓްކުރާ މަރުކަޒުތައް ގާނޫނުގައިވާ މިންގަނޑަށް އަދިވެސް ފުރިހަމައަށް ގާއިމުވެފައި ނެތުން ހިމެނެ އެވެ. މިކަމުގެ ސަބަބުން، ކުށްކުރާ ކުދިން ބައިތިއްބާނެ އެކަށީގެންވާ މާހައުލެއް ނެތް ކަން ކުޑޫ ވަނީ ފާހަގަކުރައްވައިފަ އެވެ. 

މީގެ އިތުރުން، ކުށްކުރާ ކުދިން ޝަރީއަތަށް ފޮނުމުގެ ބަދަލުގައި މުޖުތަމައުއަށް އަހުލުވެރިކުރުވަން ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ހިނގަމުން ނުދާ ކަމަށް ވެސް ސިޓީގައިވެ އެވެ. 

ކުޑަކުދިންގެ މައްސަލަތައް ބަލާނެ ހާއްސަ ފުލުހުންނާއި ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނު ކުރުމުގައި ލަސްތަކެއް ހުރި ކަމާއި ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުންގެ އަދަދު މަދުވުމުގެ ސަބަބުން ކުދިން މޮނިޓާކުރުމަށް ހުރި ދަތިކަމުގެ ވާހަކަ ކުޑޫ ވަނީ ސިޓީގައި ސަމާލުކަމަށް ގެނެސްފަ އެވެ.

މީގެ އިތުރުން، ގާނޫނުގައި ބުނާ ގޮތުން، ކުދިން ބަންދުގައި ބޭއްތިބުމަކީ އެންމެ ފަހު ފިޔަވަޅު ކަމަށްވިޔަސް ކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާ ދޭނެ މަރުކަޒުތައް ނެތުމުގެ ސަބަބުން ނުރައްކާތެރި ކުށްތަކުގައި ހިމެނޭ ކުދިން ގިނަ ދުވަހު ބަންދުގައި ބޭއްތިބުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

ކުޑާ ފާހަގަކުރައްވާ ގޮތުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމާ ގުޅިގެން އެއަށް ވުރެ ހަގު ކުދިން ކުރާ ކުށްތަކަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމުގައި އިދާރީ އަދި ގާނޫނީ އުނިކަންތަކެއް އެބަހުއްޓެވެ. 

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެކި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި މަސައްކަތްތައް ވިލަރެސް ކުރުމުގައި ހުރި ލަސްތަކުގެ ސަބަބުން ގާނޫނު ތަންފީޒު ކުރަން ހުރަސްއެޅޭ ކަމަށާއި ކުޑަކުދިން ކުށަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުދިންގެ ނާޖައިޒު ފައިދާ ހޯދާ ބޮޑެތި މީހުން ކަމަށްވާއިރު އެ މީހުންނާ މެދު ފިޔަވަޅު އެއްވެސް ފިޔަވަޅެއް ނާޅާ ނަމަ މައްސަލަ ހައްލެއް ނުވާނެ ކަމަށް ސިޓީގައިވެ އެވެ. 

ސިޓީގައިވާ ގޮތުން، ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ޖުވެނައިލް ކޯޓު އުފައްދާފައިވީ ނަމަވެސް އެ މުއައްސަސާތަކަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ފޯރުކޮށެއްނުދެ އެވެ. 

އަދި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނާއި އެހެން ބައެއް ގާނޫނުތަކާ ފުށުއެރުންތަކެއް ހުރުމުން އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަން ވެސް ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. 

ކުޑޫ އެދިވަޑައިގެންފައިވަނީ މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރަން ހޯމް މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ކަމާ ގުޅޭ އެހެން އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. 

ކުޑަކުދިންގެ އަދުލުގެ ނިޒާމާ މެދު މިފަހުން ބަހުސް ބޮޑުވެގެން ދިޔައީ ހއ. ހޯރަފުށީގައި ހުންނަ ހާފްވޭހައުސްގައި ތިބި ކުދިން އެތަނުން ނުކުމެ އެ ރަށު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފަޅުގެއަކަށް އެއްލާލި މައްސަލައާ ގުޅިގެންނެވެ. ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދާއިރު، ގްރޫޕްތަކުން ކުށްކުރާ ހިސާބުތަކުން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފުލުހުން ވެސް މިފަހުން ބުނެފައިވެ އެވެ.