ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮވިޑް ފްރީ ޒޯންތަކެއް ކަނޑައަޅައި، ރާއްޖޭގެ ތިން ސަރަހައްދެއް ހުޅުވާލަން ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅުތައް އެޅުމަށް އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ އެކު، ރާއްޖެ އަށް އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެ، ވަޒީފާތަކާއި ވިޔަފާރިތަކަށް ވަނީ އޭގެ އަސަރުކޮށްފަ އެވެ. އެހެންވެ، އެފަދަ ފަރާތްތަކަށް އެހީވާން ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް ވެސް އިއުލާންކޮށްފަ އެވެ.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެހެން ބައެއް ގައުމުތަކުން ވެސް އިގްތިސާދު ހުޅުވާލަމުންދާ ކަމަށާއި "ނިއު ނޯމަލް" ގެ ތެރެއިން ގައުމުތަކުން އިގްތިސާދީ ކަންކަން ނިންމަމުންދަނީ އެ ގައުމެއްގެ ހާލަތުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އެއްކޮށް ހުއްޓިފައިވާތީ ދިރާސާތަކަށް ފަހު އެކި މަރުހަލާތަކުގައި އެކި ސަރަހައްދުތައް އިގްތިސާދީ ކަންކަމަށް ހުޅުވާލަން ޖެހޭ ކަމަށް އެ ގަރާރުގައިވެ އެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލައި، ކަނޑުގެ ބަނދަރުތައް ވެސް ހުޅުވައިލަން ޖެހޭ ކަމަށް އެ ގަރާރުގައިވެ އެވެ. ދެކުނާއި އުތުރުގެ ބަނދަރުތައް ހުޅުވައިލުމުން ސަރުކާރާއި އާންމު ވިޔަފާރި ގުދަންތައް އިތުރުވެ، މާލެއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ މަސް ފެކްޓްރީތަކުގައި މަސް ބަންދު ކުރުމުގެ ގާބިލްކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިންނަށް ފަންނީ އަދި މާލީ އެހީ ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެ ގަރާރުގައިވެ އެވެ. އޭގައިވާ ގޮތުން، އެއްކޮށް އިގްތިސާދު ހުއްޓާލައިގެން ތިބެން ޖެހިއްޖެ ނަމަ، އިގްތިސާދީ ތަދު މަޑުކަމެއް ކުރިމަތިވެދާނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ހުޅުވާލަން ގޮވާލާ ގަރާރެއް ހުށަހެޅިއިރު، ސަރުކާރުން ވެސް މިހާރު ދަނީ ނިއު ނޯމަލްގެ ތެރެއިން އިގްތިސާދު ހުޅުވާލުމަށް ޕްލޭންތަކެއް އެކުލަވާލައި، އެކަމަށް މަޝްވަރާ ކުރަމުންނެވެ.