އެމްޑީޕީ ހަރުގެ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުން މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް ހައްޔަރުކޮށްފި އެވެ.
އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން ފަލާހް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ އިތުރުން މާލެ ސިޓީ ކައުންސިލް މެމްބަރު އަޒްރާ މޫސާ ވެސް ހައްޔަރުކޮށްފައި ވެ އެވެ.
އިދިކޮޅު އެއްވުމުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވެސް ރޭ ހައްޔަރުކުރި އެވެ. މީގެ ތެރެއިން ވަލީދާ މިއަދު މެންދުރު އަދި އަމީތާއި އަބުޅޯ އާއި ތޫބާ މިރޭ ވަނީ ދޫކޮށްލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އަމީތާއި އަބުޅޯ ދޫކޮށްލީ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި އެއްވުމުން ހައްޔަރުކުރި މެމްބަރުންގެ ތެރެއިން މިހާރު ދޫނިދޫގައި ބަންދުކޮށްފައި ވަނީ ފަލާހްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވާ އެއްވުމުން އެ މެމްބަރުން ހައްޔަރުކޮށްފައި ވާތީ، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަކަށް ހާޒިރެއް ނުކުރެ އެވެ.